މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރި ހޯއްދަވައި ރާއްޖޭގެ އަށް ވަނަ ރައީސްކަމަށް އިންތިހާބު ވެވަޑައިގަންނަވާނެކަން ޔަގީންކުރެވިއްޖެއެވެ.
މިހާތަނަށް އިއުލާނުކޮށްފައިވާ ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު، ޑރ. މުއިއްޒު، ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދަވާފައިވަނީ 16،000 އަށްވުރެ ގިނަ ވޯޓުންނެވެ. މިހާތަނަށް 530 އަށްވުރެ ގިނަ ވޯޓު ފޮށީގެ ވަގުތީ ނަތީޖާ ވަނީ ލިބިފައެވެ.
އެގޮތުން މިހާތަނަށް ގުނި ފޮށިތަކުން ޑރ. މުއިއްޒަށް 111،500 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައިވާ އިރު، އެއީ 54 ޕަސެންޓެވެ. އަދި ރައީސް ސޯލިހަށް 95،400 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައިވާ އިރު، އެއީ 46 ޕަސެންޓެވެ.
ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވިކަން ކަށަވަރުވުމާ އެކު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ދަނީ ޕީޕީއެމް އޮފީސް ދޮށަށް އެއްވެ، އުފާ ފާޅުކުރަމުންނެވެ. އަދި ސަޕޯޓަރުން ދަނީ މަނީލޯންޑަރިންގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި އަޑުއުފުލަމުންނެވެ.
ރިޔާސީ އިންތިހާބުގެ ކާމިޔާބީއަށްފަހު ޑރ. މުއިއްޒު މިރޭ 10:00 ގައި ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ނިންމަވައިފައެވެ. ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ ހ. މީރުމާހޯލްގައެވެ.
އީސީގެ ރައީސް ފުއާދު ތައުފީގު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވޯޓުލުމުގެ ހައްގު ލިބިގެންވާ 245,390 މީހުންގެ ތެރެއިން ވޯޓު ލާފައިވަނީ 86.77 ޕަސަންޓު މީހުން ކަމަށެވެ. އެއީ 221،496 ވޯޓެވެ.
ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ، 111،273 އަންހެނުންނާއި، 110،223 ފިރިހެނުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. އެހެންކަމުން މިހާރު ވޯޓު ނުލައި ތިބި މީހުންގެ އަދަދަކީ 61،308 އެވެ. އެއީ 21.68 ޕަސެންޓެވެ.