ޚަބަރު

ވާދޫ ފޮށްޓަށް އެންމެ ފަހުން ވޯޓުލާން ދިޔަ މީހާ ވޯޓު ފޮށި ފަޅާލައިފި

މުހައްމަދު އިޝާން

ގދ. ވާދޫ ފޮށްޓަށް އެންމެ ފަހުން ވޯޓު ލާން ދިޔަ މީހާ ވޯޓު ފޮށި ފަޅާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބު "ވަން" އަށް މިއަދު ވިދާޅުވީ ވޯޓު ފޮށި ފަޅާލި މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.

"އެތާގެ އީސީގެ އޮފިޝަލުން އެބަ ތިބި، އެހެންވީމާ އޮންނަ އުސޫލުގެ ތެރެއިން އެ ފޮށި ގުނަން އޮންނަ ވަގުތު ޖެހުނީމާ ގުނަން ފަށާނެ" ހަބީބު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ، އެ މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

"މި މައްސަލައާ ގުޅިގެން އެ މީހާ ވަނީ ހައްޔަރުކޮށްފައި" ފުލުހުން ބުންޏެވެ.

ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސްކޮޅުގެ ފޮޓޯ ނެގި މައްސަލައިގައި 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން ބައެއް މީހުން ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް ކަނޑައަޅައިފައިވާ ގަޑި ހަވަވުމުން ކިޔުތައް ބަންދުކޮށް، ބައެއް ވޯޓު ފޮށިތައް ބަންދުކުރަން މިހާރު ވަނީ ފަށައިފިއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ. ފަހެއްގެ ފަހުން ވޯޓު ލެވޭނީ ކިޔުތައް ބަންދުކުރިއިރު، ކިޔުގައި ތިބި މީހުންނަށް އެކަންޏެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނީ ދެވަނަ ބުރުގައި 222،496 މީހުން ވޯޓުލާފައިވާ ކަމަށެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 78.32 ޕަސަންޓެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 282،804 މީހުންނަަށެވެ. ދެވަނަ ބުރުގައި 111،273 އަންހެނުން ވަނީ ވޯޓު ލައިފައެވެ. އަދި 110،223 ފިރިހެނުން ވަނީ ވޯޓު ލައިފައެވެ.

މި މަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 101،581 ވޯޓު ހޯއްދަވައިގެން 46.06 ޕަސެންޓުން، މާލޭ ސީޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރި ހޯއްދެވި އިރު، އެމްޑީޕީގެ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،164 ވޯޓެވެ. އެއީ 39.05 ޕަސަންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 282،395 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވީ ނަމަވެސް، ވޯޓުލުމަށް ނުކުމެފައިވަނީ 75 ޕަސެންޓް މީހުންނެވެ. އެއީ އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ރިޔާސީ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ރިޔާސީ އިންތިހާބެއްގައި ވޯޓުލާން ނުކުތް އެންމެ ދަށް ޕަސަންޓޭޖެވެ.

މީގެ ކުރީ ރިޔާސީ އިންތިހާބުތަކުގައި 80 ޕަސަންޓަށްވުރެ ގިނަ މީހުން ވޯޓުލާން ނުކުމެފައިވެއެވެ. އެގޮތުން 2008ގައި ބޭއްވި ފުރަތަމަ އިންތިހާބުގައި 86.5 ޕަސަންޓު މީހުން ވޯޓުލިއެވެ. އޭގެ ފަހުން ބޭއްވި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 91.4 ޕަސަންޓު މީހުން ވޯޓުލި އިރު، އެންމެ ފަހުން 2018ގައި ބޭއްވި ރިޔާސީ އިންތިހާބުގައި 89.2 ޕަސަންޓު މީހުން ވޯޓުލިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމުލަ އަދަދަކީ 282،803 އެވެ. އޭގެ ތެރޭގައި އިތުރަށް ހިމެނެނީ މިއަދުގެ ނިޔަލަށް 18 އަހަރުފުރޭ 408 ޒުވާނުންނެވެ. އެއީ 196 އަންހެނުންނާއި 212 ފިރިހެންނެވެ.

ދެވަނަ ބުރުގެ ވޯޓުލާ ގަޑި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އިތުރުކޮށްފައެވެ. ދެވަނަ ބުރުގު ވޯޓުލުން ހަވީރު 5:00 އަށް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ. އަދި ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތު ކޮޅަކަށްފަހުއެވެ.