އުންމީދުކުރެއްވި ގޮތަށް ނައިބު ރައީސް ކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިނުގެންނެވި ނަމަވެސް އަބަދުވެސް ހުންނަވާނީ ރައްޔިތުންގެ ހިދުމަތުގައި ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޓިކެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާއިރު، އެ މަނިކުފާނުގެ ރަނިން މޭޓް ކަމަށް ފައިސަލް ވެސް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. ނަމަވެސް ރަނިން މޭޓްގެ މަގާމަށް އެންމެ ފަހު ވަގުތު ހަމަޖެއްސެވީ އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.
އެކަމާ ގުޅޭ ގޮތުން ފައިސަލް މިހާތަނަށް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓްލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ފައިސަލް ވިދާޅުވީ މަސައްކަތް ކުރެއްވީ އިތުރު ދައުރެއް ލިބިވަޑައިގަންނަވާނެ ކަމުގެ އުންމީދުގައި ނޫން ކަމަށާއި ބެއްލެވީ މި ފަސް އަހަރުގެ ތެރޭގައި އެންމެ ރަނގަޅަކަށް ކަަންތައްތައް ކުރެއްވުމަށް ކަމަށެވެ. އަދި ނައިބު ރައީސްގެ މަގާމުގައި ހުންނަވައިގެން ކުރެއްވުނު މަސައްކަތްތަކުގެ ތެރެއިން ކޮންމެވެސް ރަނގަޅު ކަންތައްތަކެއް ރައްޔިތުންނަށްޓަކައި ކޮށްދެވިއްޖެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ އެއްވެސް މީހަކަށް އެންމެ އެދެވޭ ގޮތަށް ހުރިހާ ކަމެއް ނުކުރެވޭނެ ކަމަށާއި އިތުރު ފުރުސަތެއް ލިބިވަޑައިގެންފި ނަމަ، ގޯސްކޮށް ކުރެއްވިފައިވާ ކަންކަން ރަނގަޅުކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށެވެ.
އެގޮތުން އިތުރު ދައުރަކަށް ޝައުގުވެރިކަން ފާޅުކުރެއްވީ ގައުމުގައި ކުރަން ހުރި ބައިވަރު މަސައްކަތްތައް އަދިވެސް ހުރި ކަމަށް ގަބޫލުކުރެއްވޭތީ ކަމަށާއި އެ ފުރުސަތު ލިބިވަޑައިނުގެންނެވި ނަމަވެސް އޭނާ އަބަދުވެސް ހުންނަވާނީ ރައްޔިތުންނާ އެކު ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ކޮންމެ ކަމެއްގައި ހުއްޓަސް، ކޮންމެ މަގާމެއްގައި ހުއްޓަސް، ކޮންމެ ވަޒީފާއެއް އަދާކުރަން ހުއްޓަސް ގައުމަށްޓަކާ ރައްޔިތުންނަށްޓަކާ ގައުމުގެ ހަމަޖެހުމާއި ކުރިއެރުމަށް ކުރެވެން އޮތް ކޮންމެ ކަމެއް އަޅުގަނޑު ކުރާނަން،" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އަމިއްލަ ހައިސިއްޔަތުން ވެސް ގައުމާއި ރައްޔިތުންގެ ހިދުމަތުގައި ދެމިހުންނަވާނެ ކަމަށާއި އަންނަ ދައުރުގައި ހުންނަވާ ރައީސަކު ނުވަތަ އާންމުން ވިޔަސް އެ މަނިކުފާނުގެ އެހީތެރިކަމަށް އެދިއްޖެ ނަމަ، އެ ކަމެއް ކޮށްދެއްވާނެ ކަމަށެވެ.
"އެއްވެސް ހާލެއްގައި ވަކި މީހަކަށް އަޅުގަނޑު ކޮށްދޭ ކަމެއް ނޫން. އެހެންވީމާ، އެ ގޮތުގައި އެންމެ ފަހު ދުވަހާ ހަމައަށް އަޅުގަނޑު ހުންނާނީ އެހެން. ދިިވެހި ގައުމު އަޅުގަނޑަށް އެންމެ މުހިންމީ. އަޅުގަނޑު ދެމި ހުންނާނީ ދިވެހި ރައްޔިތުންނާ އެއްކޮށް. އަޅުގަނޑު ހެޔޮ އެދެނީ ދިވެހި ގައުމަށް. އެކަން އަޅުގަނޑު އިރާދަކުރެއްވިއްޔާ ކުރާނަން. ދުވަހަކު ވެސް އެ ވިސްނުމަކަށް، ދުވަހަކު ވެސް ބަދަލެއް ނާންނާނެ. ހަމަ ކުޑަކުޑަ ބަދަލެއް ވެސް ނާންނާނެ،" ފައިސަލް ވިދާޅުވިއެވެ.