އެމަނިކުފާނުގެ ދެވަނަ ދައުރުގައި ހުރިހާ އެންމެންގެ މުސްތަގުބަލު އުޖާލާވާނެ ކަމަށާއި އެކަމާ ހާސްވާން ނުޖެހޭ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހުގެ ކެމްޕޭން ނިންމުމަށް އުސްފަސްގަނޑުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ފުރަތަމަ ބުރަށްފަހު މިދިޔަ 20 ދުވަހުގެ ތެރޭގައި ގިނަ ދާއިރާތަކެއްގެ ބޭފުޅުންނާ ބައްދަލުކުރައްވައި އެ އިހުސާސްތައް އަޑު އައްސަވާފައިވާނެ ކަމަށާއި އޭގެ ތެރޭގައި ތައުލީމީ ދާއިރާ، ސިއްހީ ދާއިރާ، މަސްވެރިން، ޓުއަރިޒަމް ދާއިރާ، ކަސްޓަމްސް، އެއާޕޯޓުގައި މަސައްކަތްކުރާ މީހުން، އިމިގްރޭޝަން، ޓެކްސީ ޑްރައިވަރުން އަދި އެންޖީއޯތަކުގައި މަސައްކަތްކުރާ މީހުން ހިމެނޭ ކަމަށެވެ.

"އެ އެންމެންގެ އަޑު އެހިން. އަޅުގަނޑު މިހާރުން މިހާރަށް ގެނެވޭނެ އިސްލާހުތަކާއި ގެނެވޭނެ ބައްދަލުތައް ގެނެސްދިނިން. ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި މިހާރުން މިހާރަށް ސިޔާސަތުތައް ކަނޑައަޅައި މަސައްކަތް ފަށައިފިން. ހުރިހާ އެންމެންގެ މުސްތަގުބަލު އުޖާލާ، ހާސް ކަނޑާލަންވީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާދަމާގެ ވޯޓަކީ އުމުރުން ދުވަސްވީ މީހުންނާއި ތުއްތު ކުދިންނާއި ޒުވާނުންނާއި އަންހެން އަދި ފިރިހެނުން އަދި ކިޔަވާ ކުދިންގެ ވެސް މުސްތަގުބަލާ ގުޅޭ ވޯޓެއް ކަމަށާއި އެއީ ދާނީ ސުލްހައާއި އަމާންކަމަށްތޯ ނޫނީ އެނބުރި ދާނީ ނާމާންކަމާއި ހަމަނުޖެހުމަށްތޯ ނިންމާ ނިންމުމެއް ކަމަށެވެ.

"ވޭތުވެދިޔަ ދިހަ އަހަރު ބައިކޮށްލާފައި ސިކުނޑިއަށް ގެންނަން ޖެހޭ. އަޅުގަނޑުމެން ފަސް އަހަރު ހޭދަކޮށްފިން ބިރުވެރިކަމާއި ނާމާންކަމާއި ހަލަބޮލިކަމުގެ ތެރޭގައި. 2018 އިން ފެށިގެން މިއަދާ ހިސާބަށް ހަމަޖެހުމާއި އުފަލާއި އެއްބައިވަންތަކަމާއެކު ހޭދަކުރެވިއްޖެ. އަޅުގަނޑުމެންނަށް ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. މުޅި ރާއްޖެއަށް އަންނަމުންދާ ތަރައްގީތައް މިއަދު ހިތަށް ވަންނާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިދިޔަ ފަސް އަހަރު ތެރޭގައި ކަންކަން ހިނގައިދިޔަ ގޮތާ މެދު ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމަށާއި މާލެއަށް ދިމާވެފައި އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް ގެނެސްދެވުނު ހައްލާ މެދު ވިސްނާލަން ޖެހޭ ކަމަށެވެ.