އިނގިރޭސި ލީގު ކަޕް

ސިޓީ ކަޓުވާލުމަށްފަހު ނިއުކާސަލް އިނގިރޭސި ލީގު ކަޕްގެ ހަތަރުވަނަ ބުރަށް

އިނގިރޭސި ލީގް ކަޕް ނުވަތަ އީއެފްއެލް ކަޕްގެ ތިންވަނަ ބުރުގައި ވަރުގަދަ މެންޗެސްޓަރ ސިޓީ ކަޓުވައިލުމަށްފަހު ނިއުކާސަލް ޔުނައިޓެޑް ގަދަ ސޯޅައިގެ ބުރުން ޖާގަ ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި މެންޗެސްޓަރ ސިޓީއާ ވާދަކޮށް ނިއުކާސަލް މޮޅުވީ އެކެއް ސުމަކުންނެވެ. މެޗުގެ ހަމައެކަނި ގޯލް ޖަހައިދިނީ 53 ވަނަ މިނިޓްގައި ސުވިޑަންގެ ފޯވާޑް އިސާކެވެ. ގަދަ ސޯޅައިގެ ބުރުގައި ދެން ނިއުކާސަލްއަށް އޮތީ އަނެއްކާވެސް މެންޗެސްޓަރގެ ކުލަބެކެވެ. މެންޗެސްޓަރ ޔުނައިޓެޑެވެ.

މެންޗެސްޓަރ ޔުނައިޓެޑް މި ބުރުން ޖާގަ ހޯދީ ބުދަ ދުވަހުގެ ރޭ ކްރިސްޓަލް ޕެލަސްއާ ވާދަކޮށް އަމިއްލަ ދަނޑުގައި ތިނެއް ސުމަކުން މޮޅުވެގެންނެވެ. ލަނޑު ޖަހައިދިނީ އާޖެންޓީނާގެ ގަމާޗޯއާއި ބްރެޒިލްގެ ކަސެމީރޯ އަދި ފްރާންސްގެ މާސިއާލްއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އިތުރުން މަޝްހޫރު އާސެނަލް އާއި ޗެލްސީވެސް ވަނީ ރޭ ގަދަ ސޯޅައިގެ ބުރަށް ދަތުރުކޮށްފައެވެ. އާސެނަލް މޮޅުވީ ބްރެންޓްފަޑް އަތުން ރަށުން ބޭރުގައި އެކެއް ސުމަކުންނެވެ. ޗެލްސީ މޮޅުވީ ވަރުގަދަ ބްރައިޓަންއާ ވާދަކޮށް އަމިއްލަ ދަނޑުގައި އެކެއް ސުމަކުންނެވެ.

ލިވަރޕޫލާއި އެވަޓަންވެސް ވަނީ ބުދަ ދުވަހުގެ ރޭ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފައެވެ. ލިވަރޕޫލް މޮޅުވީ ލެސްޓަރ ސިޓީއާ ވާދަކޮށް ތިނެއް އެކަކުންނެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ލެސްޓަރއިން ގޯލެއް ޖަހައި ލީޑް ހޯދާފައިވަނިކޮށް ލިވަރޕޫލުން ތިންގޯލްވެސް ޖަހައިފައިވަނީ ފަހު ހާފުގައެވެ. އެވަޓަން މޮޅުވީ ރަށުން ބޭރުގައި އެސްޓަންވިލާއާ ވާދަކޮށް ދޭއް އެކަކުންނެވެ.