މިއަހަރުގެ ލީގު ކަޕް ފައިނަލުގައި އާސެނަލް ބަލިކޮށް، މެންޗެސްޓާ ސިޓީން ލީގު ކަޕް ކާމިޔާބު ކޮށްފިއެވެ.

މިރޭ ވެމްބްލީގައި ކުޅުނު ފައިނަލުގައި ސިޓީން އާސެނަލްގެ މައްޗަށް ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. އާސެނަލާއި ސިޓީއަކީ މިވަގުތު އިނގިރޭސި ލީގު ތާވަލުގެ އެއްވަނަ އަދި ދެވަނަ ޓީމެވެ. ދެޓީމަކީ ލީގަށްވެސް ވާދަކުރަމުންދާ ދެޓީމެވެ. މިއީ ލީގުގެ އެއްވަނައާއި ދެވަނައިގައި އޮތް ޓީމު ލީގު ކަޕް ފައިނަލްގައި ވާދަކުރި ފުރަތަމަ ފަހަރެވެ.

ލީގު ތަށްޓާ މިވަގުތު ގާތުގައި އޮތް އާސެނަލަށް މިރޭގެ މެޗަކީ ރަނގަޅު މެސެޖެއް ދޭން ލިބުނު މެޗެކެވެ. މި ސީޒަނުގައި އާސެނަލުން އާދަޔާހިލާފު ރަނގަޅު ފޯމެއްގައި ކުޅެމުންދާ އިރު، އެޓީމަކީ ޗެމްޕިއަންސް ލީގުގެވެސް ފެވަރިޓެކެވެ.

އެ ފޯމު ދަމަހައްޓައި، 2020 ވަނަ އަަހަރުގެ އެފްއޭ ކަޕަށްފަހު ފުރަތަމަ ތަށި ހޯދަން ނުކުތް އާސެނަލަށް މިރޭގެ މެޗުވީ މާޔޫސީ މެޗަކަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ހަމަލާތައް މަދުކޮށް ފެނިގެން ގޮސްފައިވާ އިރު، ފެނުނީ އެންމެ ތިން ހަމަލާއެކެވެ. އެއީ އާސެނަލްގެ ތިން ހަމަލާއެކެވެ.

އެހެން ނަމަވެސް ދެވަނަ ހާފުގައި އެޓީމަށް އުނދަގޫތަކާ ކުރިމަތިވިއެވެ. ހަތަރު މިނެޓުގެ ތެރޭގައި ސިޓީގެ ނިކޯ އޮ ރެއިލީ ދެ ގޯލް ޖެހި އިރު، 60 ވަނަ މިނެޓުގައި ފުރަތަމަ ގޯލް ޖެހީ ފައިނަލަށް އާސެނަލުން ނެރުނު ކީޕަރު، ކެޕާ އަރީޒާބަލާގާގެ ގޯހަކުންނެވެ.

އޭގެ ހަތަރު މިނެޓް ފަހުން އޮ ރެއިލީގެ ދެވަނަ ގޯލް ޖެހި އިރު، ސިޓީން އޭގެފަހުން ކުޅުނީ ހަމަޖެހިލައިގެންނެވެ.

މިރޭގެ ތަށްޓާއެކު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެގެން ގޮސްފައި ވަނީ ފަސް ފަހަރަށް ލީގު ކަޕް ކާމިޔާބުކުރި ފުރަތަމަ ކޯޗަށެވެ.