އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލް ދެވަނަ ލެގުގައިވެސް ޗެލްސީ ބަލިކޮށް، އާސެނަލުން ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭ އާސެނަލް ދަނޑުގައި ކުޅުނު މެޗުން އެޓީމު މޮޅުވީ 1-0 އިންނެވެ. ފަހުވަގުތުގައި ޖެހި އެގޯލާއެކު އާސެނަލުން ފައިނަލް ޔަގީންކުރީ ދެ ލެގުގެ އެގްރިގޭޓް 4-2 ގެ ނަތީޖާއަކުންނެވެ. އާސެނަލުން ރޭގެ މެޗުގައި ޖެހި ހަމައެކަނި ގޯލަކީ އެންމެ ފަހު މިނެޓުގައި ބަދަލަކަށް ނުކުތް، ޗެލްސީގެ ކުރީގެ ފޯވަޑް ކައި ހަވާޓްސް ޖެހި ގޯލެކެވެ.

އެމިރޭޓްސް ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މާގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ދެޓީމުގެ ކީޕަރަށްވެސް ސޭވެއް ކުރަން ޖެހުނީ މަދު ފަހަރެއްގައެވެ. އެ ހާލަތުގައި މެޗު އޮވެ، ޗެލްސީން ގޯލެއް ޖަހަން ޖެހިފައި އޮތުމުން، ޗެލްސީން ދެވަނަ ހާފަށް އެޓޭކިން ބަދަލުތަކެއް ކުރިއެވެ.

ލިއަމް ރޮސެނިއާ ވަނީ ދެވަނަ ހާފަށް ކޯލް ޕާމާއާއި ބްރެޒިލްގެ ވިންގް އެސްޓެވާއޯ ކުޅެން ނެރުނު އިރު، އޭގެ އިތުރުން އެލެހާންޑްރޯ ގާނާޗޯވެސް ޗެލްސީން ކުޅެން ނެރުނެވެ.

އެ ކުޅުންތެރިންނާއެކުވެސް ޗެލްސީއަށް އެންމެ އެކަށީގެންވާ ހަމަލާއެއް އުފެއްދިފައި ނުވާ އިރު، އެޓީމަށް އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބުނީ އެންޒޯ ފެނާންޑޭޒްއަށެވެ. އޭނާއަށް އޭރިއާ ބޭރުން ލިބުނު ދެ ފުރުސަތުގައިވެސް ގޯލަށް ބޯޅަ އަމާޒުކޮށްލެވޭ ގޮތެއް ނުވިއެވެ.

މެޗުގެ ފަހު މިނެޓު ކޮޅުގައި ޗެލްސީން އެއްކޮށް ކުރިއަށް ޖެހިގެން މަސައްކަތް ކުރަމުން ދަނިކޮށް ލިބުނު ކައުންޓާ އެޓޭކް ފުރުސަތުގައި ހަވާޓްސް ގޯލް ޖަހައިދިނީ މުޅިން ހުސްކޮށް އޮވެގެންނެވެ.

އާސެނަލުން ފައިނަލުގައި ނުކުންނާނީ މެންޗެސްޓާ ސިޓީ ނޫނީ ނިއުކާސަލްއާ ދެކޮޅަށެވެ. އެދެޓީމުގެ ސެމީ ފައިނަލް ފުރަތަމަ ލެގުން މޮޅުވީ ސިޓީއެވެ. އެއީ 2-0 އިންނެވެ.