މެންޗެސްޓާ ސިޓީއަށް އަލަށް ސޮއިކުރި އިނގިރޭސި ޑިފެންޑަރު މާކް ގެއީއަށް އިނގިރޭސި ލީގު ކަޕް ފައިނަލުގައި ކުޅެވޭނެ ގޮތެއް ހޯދަން އުސޫލަށް ބަދަލުގެންނަން އެދޭނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ސިޓީން މިފަހަރު ލީގު ކަޕްގެ ފައިނަލުން ޖާގަ ހޯދީ މީ ފައިނަލް ދެ ލެގުގައި ނިއުކާސަލްގެ މައްޗަށް 5-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ސިޓީން މިފަހަރު ލީގު ކަޕް ފައިނަލަށް ނުކުންނާނީ ހަތަރު އަހަރު ފަހުންނެވެ. އެޓީމުން އެންމެފަހުން 2021 ވަނަ އަހަރު ފައިނަލް ކުޅެ ތަށި ހޯދި އިރު، އޭގެ ކުރިން ތިން އަހަރުވެސް ސިޓީން ވަނީ ޖެހިޖެހިގެން ލީގު ކަޕްގެ ތަށި ކާމިޔާބުކޮށްފައެވެ.

މިފަހަރުގެ ފައިނަލުގައި ސިޓީން ނުކުންނާނީ އާސެނަލާ ދެކޮޅަށެވެ. ސިޓީއާ ދެކޮޅަށް ނުކުންނަ އާސެނަލުން މިފަހަރު ލީގު ކަޕްގެ ފައިނަލަށް ނުކުންނާނީ 2018 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށެވެ.

ޑިފެންސް ލައިނަށް ކުރިމަތިވެފައިވާ އަނިޔާގެ މައްސަލަތަކުން އަރައިގަތުމަށް ސިޓީން ގެއީ ގެންދިޔައީ މި ހިނގާ ޓްރާންސްފާ ސީޒަނުގައެވެ. އުމުރުން 25 އަހަރުގެ ގެއީއަށް ސިޓީގެ ލީގު ކަޕް ފައިނަލް މެޗުގައި ނުކުޅެވޭނެއެވެ. އެއީ މި ސީޒަނުގެ ލީގު ކަޕްގައި އޭނާ ކްރިސްޓަލް ޕެލެސްއަށް ކުޅެފައިވާތީއެވެ.

ގާޑިއޯލާ ބުނީ އެއީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ.

"ގެއީއަށް ލީގު ކަޕް ފައިނަލުގައި ނުކުޅެވެންވީ ސަބަބެއް ނޭނގެ. އެއީ އަހަރެމެން މުސާރަ ދޭ، އަހަރެމެންގެ ކުޅުންތެރިއެއް. އެތައް ފައިސާއެއް ހަރަދުކޮށްގެން ގަންނަ ކުޅުންތެރިޔާއަށް މުހިއްމު މެޗެއް ނުކުޅެވޭ ގޮތަށް އޮތުން ހަމައެއް ނުޖެހޭ. އުންމީދުކުރަނީ އެ އުސޫލު ބަދަލުކުރާނެ ކަމަށް. އަހަރެން އެކަމަށް މަސައްކަތްވެސް ކުރާނަން،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ އެ އުސޫލު ބަދަލުކޮށްދޭން އެދުމަށް ކްލަބު މެނޭޖުމަންޓް ކިބައިން އެދިފައިވާ ކަމަށެވެ.