ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ހާމަކުރެއްވީ ދޮގުތަކެއް ހަދައިގެން ރައްޔިތުންނަށް އޮޅުވާލަމުން ގެންދާތީ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމުނުތާ ދެ ދުވަސްފަހުން އެ ސިޓީ ފުރަތަމަ ލީކުވެފައިވަނީ ސޯޝަލް މީޑިއާގައެވެ. ލީކުވެފައިވާ ސިޓީއަކީ ސައްހަ ސިޓީއެއްކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވެސް ވަނީ އޭރު ކަށަވަރުކޮށްދެއްވައިފައެވެ. އަދި އެ ސިޓީ ލީކުވެފައިވާ މައްސަލަ ބަލަމުންދާ ކަމަށް އޭރު މިއުވާން ވަނީ ވިދާޅުވެފައެވެ.
ތިނަދޫ ސިޓީގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގައުމުގެ ވެރިކަން ކޮށްފައި ތިބި ބައެއް، އަދި ކުރަން އުންމީދުކުރާ ބައެއް ނުކުމެ އެފަދަ ބުހުތާނު ދޮގުތަކެއް ރައްޔިތުން ކުރިމަތީގައި ދައްކާނެއެކޭ ކުރިން ހިތަށް އަރާފައިނުވާ ކަމަށާއި އެހެންކަމުން މީގެ ކުރިން އެކަންކަން ރައްޔިތުންނާ ހިސާބަށް ތިލަކުރެވިފައި ނުވާ ކަމަށެވެ. އަދި އެ ހުރިހާ ހަގީގަތްތަކެއް މިހާރު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ހަމައެކަނި އެ ސަބަބަށްޓަކައި އަޅުގަނޑު މޮރިޝަސްގެ ރައީސަށް ފޮނުވި ސިޓީ ހާމަކުރީ. އުސޫލެއްގެ ގޮތުން އެއް ގައުމެއްގެ ވެރިޔަކު އަނެއް ގައުމެއްގެ ވެރިޔަކަށް ފޮނުވާ ސިޓީއަކީ އެހެން ހާމަކުރާ އެއްޗެއް ނޫން. ގައުމީ ސަލާމަތާ ބެހޭ ކަމެއް އޭގައި އޮތް ކަމަށްވަންޏާ ހަމައެކަނި ހިއްސާ މިކުރަނީ ރައްޔިތުންގެ މަޖިލީހުގައި އެ އޮންނަ ކަމާބެހޭ ކޮމިޓީއާ. އެހެންނަމަވެސް މިހާރު ހަމަ ޔަގީނުން ވެސް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެނގޭނެ އޭގައި އެކަހަލަ އެއްވެސް ވާހަކައެއް ނެތްކަން. ހަމައެކަނި އޮތީ އދ. ގައި ނަގަމުންދިޔަ ވޯޓެއްގައި އަޅުގަނޑުމެން އަމަލުކުރަން ނިންމާފައި އޮތް ގޮތުގެ ވާހަކަ. މިފަދަ އެތައް ވާހަކައެއް ދައްކައި، އޮޅުވާލަމުން އެ ގެންދަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދޮގު ވާހަކަ ފަތުރަމުން ގޮސް، ރައްޔިތުންގެ ތެރެއިން ބަޔަކަށް އެކަން ގަބޫލުކުރެވޭ ހިސާބަށް ގޮސްފި ކަމަށާއި ބޭރު ގައުމެއްގެ ސިފައިން ތިބޭ ވާހަކައާއި މިނިވަންކަން ގެއްލުނޭ ކިޔައިގެން ވާހަކަތައް ދައްކަމުންދިޔަ ކަމަށެވެ. އަދި އުތުރު ތިލަފަޅުގެ އެގްރިމަންޓާ ގުޅޭގޮތުން ވެސް ދޮގު ވާހަކަތަކެއް ދައްކަމުންދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އޭގައި ރާއްޖޭގައި ބޭރުގެ ސިފައިން ތިބޭނެ ވާހަކައާއި އެތަނުގައި އިންޑިއާގެ މަނަވަރުތައް އައިސް އޮންނާނެ ވާހަކަ. މިއަދު ހަމަގައިމުވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިސްކޮށް ތިއްބެވި ހުރިހާ ބޭފުޅުންނަށް އެ އެގްރިމަންޓުގައި އޮތް އެއްޗެއް އެނގިވަޑައިގަންނަވާނެ. އެއިން އެއްވެސް ބޭފުޅަކަށް މިހާރު އޮޅުވަޑައެއް ނުގަންނަވާނެ. އޭގައި އެކަހަލަ އެއްވެސް ވާހަކައެއް ނެތްކަން. އެހެންވީމާ މި ވާހަކަތަކުގެ ތެދު ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ. އެކަން ކޮށްފިއްޔާ އަޅުގަނޑު ހިތުން ރާއްޖޭގެ ރައްޔިތުން އެކަން ގަބޫލުކުރާނެ. މީގައި އެއްވެސް އޮޅުވާލުމެއް، ދޮގެއް ނެތްކަން،" އެމަނިކުފާނު ވިދާޅުވިއެވެ.
މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި އެ ސިޓީފުޅުގައި ރައީސް ސޯލިހު ވަނީ ރާއްޖެއަކީ އަބަދުވެސް އިސްތިއުމާރާ ދެކޮޅަށް އޮތް ގައުމެއް ކަމަށާއި އދ. ގައި މޮރިޝަސްއިން އިސްތިއުމާރާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓުދޭނެ ކަމަށެވެ. އޭގެ އިތުރުން އެ މައްސަލައާއި އިޓްލޮސްއަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުވާ ކަމަށް ވިދާޅުވެފައިވެއެވެ.
އިދިކޮޅުން މީގެ ކުރިން ވަނީ އެ ސިޓީއަކީ ރާއްޖޭގެ ކަނޑުން ބައެއް މޮރިޝަސްއަށް ދިނުމަށް ފޮނުއްވި ސިޓީފުޅެއް ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އެފަދަ އެއްވެސް ވާހަކައެއް އެ ސިޓީގައެއް ނެތެވެ.
ޚަބަރު
ޚަބަރު
ޚަބަރު