ކ. ތިލަފުށީ ފަޅުތެރޭގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި އެއްކޮށް ރޯވެ އަނދައި، އަޑިއަށް ހިންގައްޖެއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ތިލަފުށީ ފަޅުތެރޭގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެގެން ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރި ވަމުންދާ ކަމަށެވެ. އަދި މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިން މީހުން ތިބި ކަމަށާއި އޭގެ ތެރެއިން ކެމްޓަންގެ މޫނާއި ކަނާތު އަތް ކޮންމެވެސް ވަރަކށް ފިހިގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުންދާ ކަމަށް ބުންޏެވެ.

"ވާލިޔާ 7" ނަމަކަށް ކިޔާ ދޯނީގައި ހުޅުހިފީ ތިލަފުށިން 20.000 ލީޓަރުގެ ތެޔޮ އަޅައިގެން އެންޖިން ސްޓާޓް ކުރި ވަގުތު ކަނި ބުރައިގެން ކަމަށެވެ. އަދި ތިލަފުށި ފަޅުން ނެރެފައިވާ ކަމަށާއި ދޯނި މިހާރު އެއްކޮށް އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެފައިވަނީ ވިލާ ކުންފުނީގެ ތެޔޮ އުފުއްލާ ދޯންޏެއްގައެވެ.