އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ސިޓީއަށް ރޭ ވަޑައިގެންފިއެވެ.

ރައީސް ސޯލިހު އައްޑޫ ސިޓީއަށް ފުރާވަޑައިގެންނެވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މި ދަތުރުފުޅުގައި ރައީސް މިއަދު އެމްޑީޕީގެ ކެމްޕޭން ޓީމުތަކާ ބައްދަލުކުރައްވާނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އައްޑޫގެ އިތުރުން ފުވައްމުލަކު ސިޓީ އާއި ތިނަދޫ ސިޓީއަށްވެސް ވަޑައިގަންނަވާނެއެވެ.

މިއީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕޭނަށް ރައީސް މާލެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު ރައީސް ވަނީ މާލޭގައި ކަންމަތީ ބައްދަލުވުންތައް ކުރިއަށްގެންދަވައި ހަރުގެ ޖަލްސާތައް އިތުރުކުރައްވައި ދޮރުން ދޮރަށް ހިންގަވައިފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒަށް ވަނީ 101،635 ވޯޓް ލިބިވަޑައިގެންފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.