އިޓާލިއަން ސެރީއާ

އެމްޕޯލީ އަތުން މޮޅުވެގެން އިންޓަރ މިލާން އެއްވަނަ މަގާމު ދިފާއުކޮށްފި

އިޓަލީގެ ލީގުގައި އާދީއްތަ ދުވަހު އެމްޕޯލީއާ ވާދަކޮށް ރަށުން ބޭރުގައި އެކެއް ސުމަކުން މޮޅުވެގެން އިންޓަރ މިލާން ޓޭބަލްގައި ތިން ޕޮއިންޓްގެ ލީޑެއް އަނެއްކާވެސް ނަގައިފިއެވެ.

އެމްޕޯލީގެ ކާރްލޯ ކަސްޓެލާނީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަމައެކަނި ލަނޑު އިންޓަރ މިލާނަށް ޖަހައިދިނީ 51 ވަނަ މިނިޓްގައި ޑިމާރކޯއެވެ. އިންޓަރއަށް ފަސް މެޗުން ލިބިފައިވަނީ ފަނަރަ ޕޮއިންޓެވެ. އިންޓަރއަށްވުރެ ތިން ޕޮއިންޓް ފަހަތުން ޓޭބަލްގެ ދެވަނައިގައި އޮތީ އޭސީ މިލާނެވެ. މި ހަފުތާގައި ވެރޯނާއާ ވާދަކޮށް އަމިއްލަ ދަނޑުގައި އޭސީ މިލާން މޮޅުވީ އެކެއް ސުމަކުންނެވެ. ލަނޑު ޖަހައިދިނީ 8 ވަނަ މިނިޓްގައި ލިއާއޯއެވެ.

އިޓަލީގެ ބޮޑެތި ބާރުތަކުގެ ތެރެއިން ނާޕޮލީ އާއި ރޯމާ އަދި ލާޒިއޯއަށް މި ހަފުތާގައި މޮޅެއް ނުހޯދުނެވެ. ނާޕޮލީ އާއި ބޮލޯނިއާ ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ރޯމާ އާއި ޓޮރިނޯ ކުޅުނު މެޗު ނިމުނީ އެކެއް އެކަކުން އެއްވަރުވެގެންނެވެ. ލާޒިއޯ އާއި މޮންޒާ ކުޅުނު މެޗުވެސް ނިމުނީ އެކެއް އެކަކުން އެއްވަރު ވެގެންނެވެ.

އިޓަލީގެ އަޑިއަޅާފައިވާ ބޮޑުބާރު ޔުވެންޓަސްގެ ހާލަތު އަދިވެސް ރަނގަޅެއް ނުވެއެވެ. ސަސުއޯލޯއާ ވާދަކޮށް މި ހަފުތާގައި ޔުވެންޓަސް ކުޅުނު މެޗުންވެސް ވަނީ ބަލިވެފައެވެ. ސަސުއޯލޯގެ އަމިއްލަ ދަނޑުގައި އެޓީމު މޮޅުވީ ހަތަރެއް ދޭކުންނެވެ. ފިއޮރެންޓީނާ ވަނީ މި ހަފުތާގައި އުދިނޭޒީ އަތުން ދޭއް ސުމަކުން މޮޅުވެފައެވެ.