އޭސީ މިލާނަށް އަނެއްކާވެސް ޗެމްޕިއަންސް ލީގުގެ ޖާގައެއް ގެއްލުނު އިރު، އެންމެފަހު ދުވަހު ހޯދި މޮޅުތަކާއެކު ރޯމާއާއި ކޯމޯއަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޖާގަ ޔަގީންވެއްޖެއެވެ.
ސެރެއާ އޭގެ އެންމެފަހު ދުވަހަށް ދިޔައިރުވެސް ޗެމްޕިއަންކަން އިންޓަ މިލާން އޮތީ ކަށަވަރު ކޮށްފައެވެ. އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ގަދަ ހަތަރެއްގެ ފުރުސަތަށެވެ. ތާވަލުގެ ދެވަނަ ނަޕޯލީން ޔަގީންކުރި ރޭ އުޑިނޭޒީ ކައިރިން 1-0 އިން މޮޅުވެގެންނެވެ. އެއީ 38 މެޗުން 76 ޕޮއިންޓާއެކުގައެވެ. އޭސީ މިލާނުން ރޭގެ މެޗަށް ނުކުތްއިރު ޗެމްޕިއަންސް ލީގުގެ ޖާގައެއް އަތުޖައްސަން މޮޅެއް މަޖުބޫރުވެފައި އޮތް ނަމަވެސް، އެޓީމު ކަގްލިއަރީ ކައިރިން ބަލިވީ 2-1 އިންނެވެ.
އެލެކްސިސް ސޭލްސްމޭކާ މިލާނަށް ލީޑު ނަގައިދީފައި އޮއްވައި ކަގްލިއަރީ މޮޅުވީ ޖެނާރޫ ބޮރޭލިއާއާއި ޖުއާން ރޮޑްރިގޭޒްގެ ގޯލުތަކުންނެވެ. އެއާއެކު މިލާނަށް ލިބުނީ އަންނަ ސީޒަނުގެ ޔޫރޮޕާ ލީގު ޖާގައެކެވެ. އެއީ ފަސްވަނައިގައި 38 މެޗުން 70 ޕޮއިންޓާއެކުގައެވެ.
ސެސްކް ފަބްރިގާސް ކޯޗުކަން ކޮށްދެމުން އަންނަ ކޯމޯއިން އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ޖާގައެއް ހޯދީ، ލީގުގެ ފަހު މެޗުގައި 4-1 އިން ކްރެމޮނޭސް ބަލިކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޖީސަސް ރޮޑްރިގޭޒް އެޓީމަށް ލީޑު ނަގައިދިން އިރު، ދެވަނަ ހާފުގައި އަނަސްޓޮސިއޮސް ޑޮވިކަސް އެޓީމުގެ ދެވަނަ ގޯލްވެސް ޖެހިއެވެ. އޭގެ އިރުކޮޅެއްފަހުން ކްރެމޮނޭސްގެ ފެޑެރީކޯ ބޮނަޒޯލީ ގޯލެއް ޖެހި ނަމަވެސް، ގޯލަށް 15 ވަރަކަށް މިނެޓުފަހުން އެޓީމުގެ އަލްބާޓޯ ގްރާސީއަށް ރަތެއް ދެއްކިއެވެ. އެވަގުތު ދަނޑު ބޭރުން ހިނގި ކަމެއްގައި މިލާން ޖޫރިޗާއި ޑޭވިޑް އޮކެރެކޭއަށްވެސް ރެފްރީ ރަތް ދެއްކިއެވެ. އެއީ ބެންޗުގައި ތިބި ދެ ކުޅުންތެރިންނެވެ.
ކޯމޯގެ އަނެއް ދެ ގޯލު ޖެހީ ލޫކަސް ޑަ ކޫންޏާއެވެ. ކޯމޯއަށް ވަނީ 37 މެޗުން 71 ޕޮއިންޓް ލިބިފައެވެ.
ރޯމާއިން ތިންވަނަ ޔަގީންކުރީ 38 މެޗުން 73 ޕޮއިންޓް ހަމަކޮށްގެންނެވެ. އެއީ ރޭ ހެލާސް ވެރޯނާ ކައިރިން 2-0 އިން މޮޅުވެގެންނެވެ.
ޔުވެންޓަސްއަށްވެސް ޔޫރޮޕާ ލީގު ޖާގައެއް ޔަގީންވި އިރު، އެޓީމު ރޭ ޓޮރީނޯ ކައިރިން އެއްވަރުވީ 2-2 އިންނެވެ. ޔުވެންޓަސް ހަވަނައިގައި އޮތީ 38 މެޗުން 69 ޕޮއިންޓާއެކުގައެވެ. ޔޫރޮޕާ ކޮންފަރެންސް ލީގު ޖާގަ އިޓަލީ ލީގުން ހޯދީ އެޓަލާންޓާއެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ