އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލްއާއި ސްޕާރސް އާދީއްތަ ދުވަހު ކުޅުނު މެޗު އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ދޭއް ދޭކުން އެއްވަރު ވެއްޖެއެވެ.
އާސެނަލްގެ ފުރަތަމަ ގޯލަކީ ސްޕާސްގެ ރޮމޭރޯ އަތުން ބައިކޮޅަށް ވަދެފައިވާ ގޯލެކެވެ. ދެވަނަ ގޯލް ޖަހައިދިނީ ސަކާއެވެ. ސްޕާސްގެ ދެގޯލްވެސް ޖަހައިދިނީ ދެކުނު ކޮރެޔާގެ ތަރި ސޮންއެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު މެޗަކަށްވިޔަސް ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ ސްޕާސްއިންނެވެ.
އާސެނަލްގެ މެޗު އެއްވަރުވިއިރު އަމިއްލަ ދަނޑުގައި ޗެލްސީ ވެފައިވަނީ ބައްޔެވެ. އެސްޓަންވިލާއާ ވާދަކޮށް ޗެލްސީ ބަލިވީ އެކެއް ސުމަކުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ 73 ވަނަ މިނިޓްގައި ވޮޓްކިންސްއެވެ. ފަހު ހާފުގެ ކުރީކޮޅު ޗެލްސީގެ ގަޓްސޯއަށް ދެއްކުނު ރަތްކާޑުގެ ސަބަބުން ޗެލްސީ މި މެޗު ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.
އިނގިރޭސި ލީގުގައި މި ހަފުތާގައި އެންމެ ބޮޑު މޮޅެއް ހޯދީ ނިއުކާސަލް ޔުނައިޓެޑެވެ. ޝެފީލްޑް ޔުނައިޓެޑާ ވާދަކޮށް ރަށުން ބޭރުގައި ނިއުކާސަލް މޮޅުވީ އަށެއް ސުމަކުންނެވެ. މި ހުރިހާ ގޯލްތަކެއް ޖަހާފައިވަނީ ތަފާތު 8 ކުޅުންތެރިންނެވެ. ލިވަރޕޫލާއި ބްރައިޓަންވެސް ވަނީ މި ހަފުތާގައި މޮޅުވެފައެވެ. ލިވަރޕޫލް މޮޅުވީ ވެސްޓްހޭމާ ވާދަކޮށް އަމިއްލަ ދަނޑުގައި ތިނެއް އެކަކުންނެވެ. ބްރައިޓަންވެސް މޮޅުވީ އަމިއްލަ ދަނޑުގައި ބޯންމަތާ ވާދަކޮށް ތިނެއް އެކަކުންނެވެ.