ޓްރެފިކް ގަވައިދާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް ލުއިކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަށް އެ ޖޫރިމަނާތައް ލުއިކޮށްދިނުމަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ރައީސް ސޯލިހު ވަނީ ދެހާސް އަށާރައިން ފެށިގެން މި އަހަރުގެ މިހާތަނަށް ޕާކިން ސްޓިކާގެ ޖޫރިމަނާގެ ތެރެއިން ދައުލަތަށް ނުލިބިވާ ފައިސާ މައާފުކޮށްދެއްވަން ނިންމަވައިފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަމަލުކުރުމަށް ރައްޔިތުންނަށް ބާރު އެޅުމަށާއި ޓްރެފިކާ ގުޅޭ އުސޫލުތަކާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ލުޔެއް ދެއްވުމުގެ ގޮތުން، 17 ނޮވެންބަރު 2018 އިން ފެށިގެން މި މަހުގެ ފަހެއްގެ ނިޔަލަށް ޓްރެފިކާ ގުޅިގެން ކުރެވިފައިވާ ޖޫރިމަނާ މައާފުކުރެއްވުމަށް ރައީސް ނިންމަވާފައިވާތީ މިއަދުން ފެށިގެން އަންނަ މަހުގެ 25ގެ ނިޔަލަށް އެ މިނިސްޓްރީގެ ސިމްސް ޕޯޓަލް (https://sims.transport.gov.mv) މެދުވެރިކޮށް އެކަމަށް ހުށަހެޅޭނެ ކަމަށެވެ.
ޖޫރިމަނާ މައާފުކުރެވޭނީ ޓްރެފިކާ ގުޅޭ ގަވާއިދުތަކާއި އިޖުތިމާއީ އެހެން މައްސަލަތަކަށް ހޭލުންތެރިކުރުމަށް ފުލުހުން ފަރުމާކޮށް ކަނޑައަޅައި 20 ގަޑިއިރުގެ ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަކުރުމުންނެވެ.
ރައީސްގެ ނިންމެވުމާ ގުޅިގެން މައާފުކުރުމަށް ނިންމާފައިވާ ބާވަތްތަކުގެ ތެރޭގައި ހިމެނޭނީ ލައިސަންސް އާ ގުޅޭ ޖޫރިމަނާ އާއި ގަވާއިދާ ހިލާފަށް ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ އާއި އުޅަނދުގައި ހުންނަންޖެހޭ ތަކެތި ހަމަނުވެ ދުއްވުން ނުވަތަ ބޭނުންކޮށްގެން އަރާފައިވާ ޖޫރިމަނާ އާއި ޓެކްސީއާ ގުޅޭގޮތުން ކޮށްފައިވާ ޖޫރިމަނާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު