ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ބާއްވަން ބޭނުންވާ ކޯރަމް ހަމަނުވެގެން، ޖަލްސާ ނުބޭއްވުމުން، މެޖޯރިޓީ ޕާޓީ އެމްޑީޕީއާ މަޝްވަރާ ކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.
މަޖިލިސް ޖަލްސާ ބާއްވަން ބޭނުންވާ ކޯރަމަކީ 22 މެންބަރުންނެވެ. ނަމަވެސް މިއަދުގެ ޖަލްސާ ފަށަންޖެހޭ ކަމަށްވާ 9:00 ވެގެން ދިޔައިރުވެސް ކޯރަމް ހަމަވާ އަދަދަށް މެންބަރުން ވަޑައެއް ނުގަންނަވައެވެ.
އެހެންކަމުން 9:07 އެހާކަންހާ އިރު މަޖިލިސް ރައީސް ވިދާޅުވީ، ޖަލްސާ ކުރިއަށް ގެންދަން ބޭނުންވާ ކޯރަމް ހަމަކުރުމަށް އިތުރު ދެ މެންބަރުން ބޭނުންވާ ކަމަށެވެ. އެއީ މާލަމުގައި އެވަގުތު 20 މެންބަރުން ތިއްބެވުމުންނެވެ. ނަމަވެސް ކޯރަމް ހަމަވޭތޯ އިރުކޮޅަކު ބެއްލެވުމަށްފަހު، ކޯރަމް ހަމަނުވާނަމަ މަޖިލީހުގެ ތަޅުމުގައި މިއަދު ކުރަންހުރި މަސައްކަތް ދޫކޮށްލަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެއަށްފަހު ކޯރަމް ހަމަވޭތޯ އިރުކޮޅެއް ބެއްލެވުމަށްފަހު، މަޖިލިސް ރައީސް ވިދާޅުވީ، "އަޅުގަނޑު ދެކެނީ، މިއަދު ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށް،" ކަމަށެވެ. އަދި މާދަމާގެ ޖަލްސާ ބާއްވަން މަސައްކަތް ކުރައްވާނީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީއާ މަޝްވަރާކުރެއްވުމަށްފަހު އެ ޕާޓީގެ މެންބަރުންނަށް މަޖިލީހަށް ވަޑައިގަންނަވަންޏާ ކަމަށްވެސް ވިދާޅުވިއެވެ.
ދެން ވިދާޅުވީ، "އެ ބޭފުޅުން ވަޑައިގަންނަވަން ގަސްތު ކުރައްވާ ކަމަށް ވަނީނަމަ ޖަލްސާ ބޭއްވުމަށް އަޅުގަނޑުވެސް މަސައްކަތް ކުރާނީ، މިއަދުގެ ޖަލްސާ ނުބޭއްވޭތީ އެގޮތަށް މި ނިންމީ،" ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ، ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ނަގަން ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ، ވޯޓު ކަރުދާހުގައި ރައްޔިތުންނާ ކުރަން ހިމަނަންޖެހޭ ސުވާލުގެ އިބާރާތް ކަނޑައެޅުމެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް އަންނަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހުއެވެ. ގަރާރެއްގެ ގޮތުގައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.
އެކަމާބެހޭ ގަރާރު މަޖިލީހުން ފާސްކޮށް، ވޯޓު ނެގުމުގެ ކަންތައް ކުރިއަށް ގެންދިއުމަަށް އިލެކްޝަންސް ކޮމިޝަނަށް މަޖިލީހުން އެންގުމުން، އެ ކޮމިޝަނުން ބުނެފައިވަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުން އަންނަ މަހުގެ 29 ގައި ކުރިއަށ ގެންދަން ނިންމާފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި ގޮތުގައި ބަޖެޓް ލިބުނުހާ އަވަހަކަށް އެކަމާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ފައްޓަވާނެ ކަމަށެވެ.
ނަމަވެސް އެކަމާ ގުޅޭ ގޮތުން ގާނޫނީ ލަފާ ހޯދުމަށްފަހު، ވޯޓުނެގުމަށް ބޭނުންވާ ބައެއް ކަންކަން އޮޅުން ފިލުވަންޖެހޭކަން ފާހަގަކޮށް، އެ މައުލޫމާތު ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލީހަށް ފޮނުވައިފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ވޯޓު ނެގޭނީ، އެ މައުލޫމާތުތަކާއި އެކަމަށް ބޭނުންވާ ބަޖެޓު ލިބުމުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އިއްޔެ ބޭއްވި ނޫސް ކޮންފަރެންސެއްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ނިޒާމީ ވޯޓު ނެގުމުގެ މަސައްކަތްތައް މިހާރު މަޖިލީހުން ފަށާފައިވާ ކަމަށާއި އެގޮތުން ދައުލަތުގެ ބާރުތަކާއެކު އެކަމާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. ނިޒާމީ ވޯޓުގައި ބޭނުންކުރާނެ ވޯޓު ކަރުދާހުގައި އޮންނަންޖެހޭ އިބާރާތް ކަނޑައެޅުމުގެ މަސައްކަތް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރީވެސް އެ މަސައްކަތުގެ ދަށުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު