ނިއުޒިލެންޑްގެ ކުރިކެޓް ޓީމު ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން މިހާރު ބަންގްލަދޭޝްއަށް ކުރާ ދަތުރުގައި ކުޅުމަށް ހަމަޖެހިފައިވާ ތިން މެޗުގެ ލިމިޓެޑް އޯވަރު ސިލްސިލާގެ ދެވަނަ މެޗު ހޮނިހިރު ދުވަހު 86 ލަނޑުން ނިއުޒިލެންޑް ކާމިޔާބުކޮށްފިއެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުޅުނު މިމެޗުގައި އެންމެ ފުރަތަމަ ބެޓްކުރަން ނުކުމެ ނިއުޒިލެންޑަށް ދެވުނީ 49.2 އޯވަރުގެ ތެރޭގައި އެންމެން ނުބައިވެގެން 254 ލަނޑެވެ. ޖަވާބުގައި ކުޅެން އަރާފައި 41.1 އޯވަރު ތެރޭގައި އެންމެން ނުބައިވެގެން ބަންގްލަދޭޝްއަށް ހެދުނީ އެންމެ 168 ލަނޑެވެ. ބަންގްލަދޭޝް ބަލިކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ 39 ލަނޑަށް ހަ ވިކެޓް ނެގި ސޯދީއެވެ.
އިއްޔެ ނިމުނު މެޗާއެކު ނިއުޒިލެންޑަށް މި ސިލްސިލާގައި އެކެއް ސުމެއްގެ ލީޑް ވަނީ ލިބިފައެވެ. މި ސިލްސިލާގެ ފުރަތަމަ މެޗު ވިއްސާރައިގެ ސަބަބުން ކެންސަލްކުރެވިފައިވާތީ ދެން ސިލްސިލާއިން ބަލިނުވެ ފަރުޖެއްސުމަށްޓަކައި ބަންގްލަދޭޝްއަށް އޮތީ ތިންވަނަ މެޗު ކާމިޔާބު ކުރުމެވެ. އެ މެޗު ކުޅޭނީ މިމަހު ސައްބީސްވަނަ ދުވަހު ޑާކާގައެވެ.
އަންނަ މަހު އިންޑިޔާގައި ފަށާ ކުރިކެޓް ވޯލްޑްކަޕްގައި ނިއުޒިލެންޑާއި ބަންގްލަދޭޝް ކުރިއަށްއޮތް އޮކްޓޫބަރު މަހު ތޭރަވަނަ ދުވަހު އިންޑިޔާގެ ޗެންނާއީގައި އަނެއްކާވެސް ބައްދަލު ކުރާނެއެވެ. ކުރިކެޓްގެ ބޮޑެތި ބާރުތަކުގެ އިތުރުން މި މިބާރާތުން ދެން ފެންނާނެ ދެ ޓީމަކީ އަފްޣާނިސްތާނާއި ހޮލެންޑެވެ. އޮކްޓޫބަރު ފަސްވަނަ ދުވަހު މުބާރާތް ހުޅުވާނީ ނިއުޒިލެންޑާއި އިންގްލެންޑުގެ މެޗުންނެވެ.