އާބަންކޯގެ ފަރާތުން ހުޅުމާލެގައި "އާބަން ގްލައިޑް"ގެ ނަމުގައި އީ-ސްކޫޓާ ތައާރަފްކޮށް، ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަތަރު އީސްކޫޓާ ބަހައްޓާފައިވާ އިރު، އެ ސްކޫޓަރުތައް ހުންނާނީ އެކަމަށް ހާއްސަކޮށްފައިވާ ޑޮކިން ސްޓޭޝަންތަކެއްގައެވެ. ބެޓެރިން ދުއްވާ މި އީ ސްކޫޓަރުތައް ޗާޖުކުރާނީ އެ ޑޮކިން ސްޓޭޝަންތަކުންނެވެ. އެ ސްކޫޓަރުތައް ދުއްވަން ބޭނުން ނަމަ "އާބަން ގްލައިޑް" އެޕްލިކޭޝަން އަޅައި ރަޖިސްޓްރީވާން ޖެހޭނެއެވެ.
އީ ސްކޫޓަރު ދުއްވާނެ ސަރަހައްދު އެނގޭނެހެން މަގުތަކުގައި ނޫކުލައިގެ ރޮގަކުން ފާހަގަކޮށްފައިވާއިރު، އެ ސަރަހައްދުން ބޭރަށް ނިކުމެއްޖެ ނަމަ އެލާމް އަޅައި، ސްކޫޓަރު ހުއްޓޭނެއެވެ. އަދި ސްކޫޓަރު ދުއްވަމުންދާއިރު އާބަންކޯގައި ގާއިމުކޮށްފައިވާ ހާއްސަ ސެންޓަރަށް އެ ސްކޫޓަރުތަކުގެ މޫވްމެންޓް ފެންނާނެއެވެ.
އީސްކޫޓަރު ރަސްމީކޮށް އިފުތިތާހު ކުރުމަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ ޗީފް އެކްޒެކެޓިވް އިލްޔާސް އަހުމަދެވެ.
އިލްޔާސް ވިދާޅުވީ، އީސްކޫޓާގެ ސަބަބުން ރައްޔިތުންނަށް ވަރަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. ހާއްސަކޮށް އެ ވަސީލަަތް ގިނަ ބަޔަކު ބޭނުންކުރެވޭ ގޮތްވުމަކީ އެކަމުގެ ފައިދާ ތިމާވެއްޓަށާއި ހަރަދުގެ ގޮތުންވެސް ފައިދާ ކުރާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި އާބަންކޯގެ މޭނެޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ، ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމަށް މިހާރު ހުރި އުސޫލުތައް ތަންފީޒުކޮށް، ޑިޖިޓަލް އިންފްރާންސްޓްރަކްޗާ ގާއިމުކުރުމަށް ލައިސަންސެއް ބޭނުންވާ ކަމަށެވެ. އަދި ގިނަ މަޝްރޫތައް ހިންގި ނަމަވެސް އެ ކަންކަން ރައްޔިތުން ބަލައި ނުގަތުމުން އެކަން ނާކާމިޔާބުވާތީ، މިހާރު ޓެސްޓު ބުރުތައް ބާއްވައިގެން ރައްޔުތިން ބަލައިގަންނަވަރު ދިރާސާކުރާ ކަމަށް ވިދާޅުވިއެވެ.
"ކުރިއަރާފައި ހުރި ގައުމުތަކުގައި ހުރި ކަންތައް ލޯކަލް ލެވެލްއެއްގައި އެޑަޕްޓް ކުރުމަށްޓަކާ 100 ޕަސެންޓް ލޯކަލް ޓީމަކުން މަސަައްކަތް ކުރަނީ. ކުރިއަރާފައި ހުރި ގައުމުތަކުގެ ޓެކްނޮލޮޖީ ދިރާސާކޮށް ބެލުމަށްފަހު އެ ލޯކަލައިޒް ކުރުމަކީ އެއީ އެ ބައެއް އަމިއްލައަށް ކުރަންޖެހޭ ކަމެއް. އެހެން ނޫނީ އަޅުގަނޑުމެންގެ ސްކޭލްވެސް އަޅުގަނޑުމެންގެ ބިހޭވިޔާވެސް، އެފޯޑަބިލިޓީވެސް އެ ހުރިހާ ޑައިނަމިކްސްއަކާއި ކޮންޓެސްޓެއް ވަރަށް ތަފާތު،" އާތިފް ވިދާޅުވިއެވެ.
ހުލުމާލެ ގްރިން ސިޓީއެއްގެ ގޮތުގައި ހެދުމަށް ރައްޔިތުންގެ ބަލައިގަތުމަށް އެދިވަޑައިގެން އާތިފް ވިދާޅުވީ، ކުޅުދުއްފުށި، ފުވައްމުލައް އަދިވެސް އެހެނިހެން ސިޓީތަކުގެ ކައުންސިލްތަކާ ވާހަކަދައްކައިގެން އީސްކޫޓާ މުޅި ރާއްޖޭގައި ފުޅާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
ސްމާޓް ސިޓީ ސޮލިއުޝަންސްގެ މެނޭޖާ އަހުމަދު ނައުފަލް އަބްދުލް ހާދީ ވިދާޅުވީ، މި ވަގުތު ސްމާޓް ސްލައިޑްގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި 18 އަހަރުން މަތީގެ މީހުންނަށް އެކަނި ކަމަށެވެ. ނަމަވެސް ބެލެނިވެރިން އެ ކުދިންގެ ޒިންމަ ނަގާ ގޮތަށް ބެލެނިވެރިޔާގެ ބެލުމުގެ ދަށުން ސްމާޓް ސްލައިޑް ދުއްވާލުމުގެ ފުރުސަތު ދޭނެ ކަމަށާއި އާންމުންގެ ފަރާތުން ލިބޭ ތަރުހީބަށް ބަލާ ކުޑަ ކުދިންނަށް ވަކި ގޮތެއް ފަހިކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު