ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު މިއަދު ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަޝްވަރާތަކާއި މަސައްކަތްތައް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ފަހުން ކުރިއަށް ގެންދަވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
ރައީސް ސޯލިހާއި ރައީސް ނަޝީދު ބައްދަލުކުރައްވާފައިވަނީ ރައީސް އޮފީހުގައި މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މިއީ ސިޔާސީ ގޮތުން ހިޔާލުތަފާތުވުންތައް އުފެދުނު ފަހުން އެ ދެ ބޭފުޅުން އެގޮތަށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
ރައްޔިތުންގެ މަަޖިލީހުގެ އިދާރާއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ރައީސް ނަޝީދު ވަނީ ރައީސް ސޯލިހާ ބައްދަލުކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގާނޫނޫ އަސާސީއަށް އިސްލާހު ގެނައުމުގެ ބިލުތަކާއި ވެރިކަމުގެ ނިޒާމާ ގުޅޭ ވޯޓުގެ މަސައްކަތް ރިޔާސީ އިންތިހާބަށްފަހު ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ، ދެވަނަ ބުރެއްގައި ރައީސް ނަޝީދުގެ ތާއީދު ހޯދުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ސޯލިހާއި ނަޝީދު ބައްދަލުކުރައްވަމުން ގެންދަވާ އިރު، ދެ ބޭފުޅުން ވަނީ މިދިޔަ ހަފުތާގައި ފޯނުން ގުޅުއްވައި މަޝްވަރާތައް ކުރައްވައިފައެވެ. އެގޮތުން ނިޒާމީ ވޯޓާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަދައްކަވައި މަޝްވަރާ ކުރެއްވިއެވެ. އަދި ރައީސް ވަނީ ދެ ބޭފުޅުންވެސް އުޅުއްވަނީ ސިޔާސީ ހިޔާލުތަފާތުވުން ތަކެއް ކަމަށާއި ދެކެވުނީ އެ ވާހަކަތައް ކަމަށްވެސް ވިދާޅުވެފައެވެ.
ރާއްޖޭގައި ވެރިކަންކުރާ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް ޓަކައި ނިޒާމު އަލުން ކަނޑައެޅުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ރައްޔިތުންގެ މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށް، މުޅި މަޖިލީހުގެ ކޮމިޓީން އެ ގަރާރުގެ ރިޕޯޓް ފާސްކޮށް ނިޒާމީ ވޯޓެއް ނެގުމަށް އިލެކްޝަން ކޮމިޝަނަށް ފޮނުވައިފައެވެ.
އިލެކްޝަން ކޮމިޝަނުން ބުނެފައިވާ ގޮތުގައި ނިޒާމީ ވޯޓެއް ނަގާނީ އަންނަ މަހުގެ 29 ވަނަ ދުވަހުއެވެ. އަދި ބަޖެޓު ލިބުނުހާ އަވަހަކަށް ނިޒާމީ ވޯޓުގެ ތައްޔާރީތައް ފަށާނެ ކަމަށް އެ ކޮމިޝަނުން ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު