ބިންވެރިޔާ އާއި ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހީން ބަންޑާރަ ގޯއްޗާއި ފުލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ފުރުސަތު ހުޅުވާލައިފައިވަނީ ރެ ދަންވަރުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ގެޒެޓުގައި ކުރި އިއުލާނެއްގަ އެވެ.

ހައުސިން މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން މިއީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ޓަކައި ސަރުކާރުން އެކަށައަޅައިފައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުވާލާ ފުރުސަތެކެވެ.

ވީމާ، މި އިއުލާނާ ގުޅިގެން ގޯއްޗަށާއި ފުލެޓަށް އެދި ހުށަހެޅުމުގެ ޝަރުތު ހަމަވާ ފަރާތްތަކުން "ގެދޮރުވެރިން ޕޯޓަލް" https://gedhoruverin.gov.mv/ މެދުވެރިކޮށް ގޯއްޗަށް ނުވަތަ ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އޮކްޓޫބަރު 24 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 15:00 ގެ ނިޔަލަށް އޮންނާނެ ކަމަށް މި އިއުލާނުގައި ބުނެފައިވެއެވެ.

ހައުސިން މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި، މި ދެ ސްކީމަށް ޝަރުތު ހަމަވި ނަމަވެސް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ އެ މީހަކު ހިޔާރުކުރާ ކޮންމެވެސް އެއް ސްކީމަކަށެވެ.

މި ފިޔަވަހީގައި، ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގިރާވަރު އުތުރުފަޅުންނެވެ. ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5,525,000 އަކަފޫޓު ކަމަށާއި ގޯތީގެ އަދަދު ކަނޑައެޅޭނީ، ގޯތި ދިނުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުނީމާ ކަމަށް ވެސް ހައުސިން މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

  • (ހ) އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ، 1,250 އަކަފޫޓު
  • (ށ) ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަނުގައި އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެ.
  • (ނ) 7 މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމުލަ 4,000އަކަފޫޓު.
  • 1. ދިވެހި ރައްޔިތެއް ކަމުގައި ވުން
  • 2. އުމުރުން 18 އަހަރު ފުރިފައިވުން
  • 3. "ބިންވެރިޔާ" ސްކީމުން ނުވަތަ "ވެށިފަހި މާލެ ޕްރޮގްރާމް" ގެ ދަށުން ގޯއްޗެއް ލިބިފައި ނުވުން
  • 4. މާލޭގައި ދިރިއުޅޭތާ، މަދުވެގެން 20 އަހަރު ވެފައިވުން، ނުވަތަ އެއްވެސް އިރެއްގައި މާލެ ނޫން އެހެން ރަށެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ހިމެނިފައި ނުވުން
  • 5. މާލޭ ސަރަޙައްދުން 600 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ލިބިފައި ނެތުން، ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން
  • 6. މާލެ ސަރަޙައްދުން 600 އަކަފޫޓަށްވުރެ ކުޑަ ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ހައުސިން ޔުނިޓެއް، ނުވަތަ ރޯހައުސްއެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ލިބިފައިވާނަމަ ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިވާނަމަ، އެފަދައިން އޮތް ތަނެއް ދޫކޮށްލަން އެއްބަސްވުން
  • 7. ސަރުކާރުން ހިންގައިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން އެއްވެސް ރަށެއްގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓެއް، ނުވަތަ ރޯހައުސްއެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިވާނަމަ، ނުވަތަ ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި އަގު އަދާކުރާގޮތަށް އެފަދަ ތަނެއް ގަނެވިއްކުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާނަމަ، އެފަދަ ތަނެއް ދޫކޮށްލަން އެއްބަސްވުން
  • 8. ރާއްޖޭގެ އެއްވެސް ރަށެއްގައި އޮތް ބަންޑާރަ ގޯއްޗެއްގައިވާ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ބަހައިގެން ބިމުން ލިބެން އޮންނަބައި، ނުވަތަ ހައުސިން ޔުނިޓެއް، ނުވަތަ ރޯހައުސްއެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ބަހައިގެން ލިބެން އޮންނަ ބައި، ދޫކޮށްލުމަށް އެއްބަސްވުން
  • 9. ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ހައުސިން ޔުނިޓެއް، ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު އިމާރާތުގެ ފުލެޓެއް އަމިއްލަ ނަމުގައި އޮވެ، އެ ތަން އެހެން ފަރާތަކަށް ދީ، ނުވަތަ ދޫކޮށްލައިފައިވާތާ ނުވަތަ ވިއްކައިލައިފައިވާތާ 5 އަހަރުދުވަހަށްވުރެ ގިނަދުވަސް ވެފައިވުން

ގޯއްޗަށް އެދި ހުށަހެޅިދާނެ ގޮތްތަކާއި، ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތާއި އެހެނިހެން ތަފުސީލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އުސޫލު ނަންބަރު 31-ޖީ-2023 (ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު) ގައި ބަޔާންކޮށްފައި ވާނެއެވެ.

  • މާލެ ސަރަޙައްދު
  • 1. މާލޭގެ ރައްޔިތެއް ކަމުގައި ވުން
  • 2. އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައި ވުން
  • 3. މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރު ވެފައިވާ ފަރާތެއް ކަމުގައި ވުން (ހަމައެކަނި މައި އެޕްލިކަންޓް) ނުވަތަ މާލޭގައި މެދުނުކެނޑި ދިރިއުޅެމުންގެންދާތާ 15 އަހަރު ވެފައިވާ ފަރާތެއް ކަމުގައި ވުން (ހަމައެކަނި މައި އެޕްލިކަންޓް)
  • 4. އެޕްލިކަންޓާއި ކޯ އެޕްލިކަންޓަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ނުވުން
  • 5. އެޕްލިކޭޝަން ހުށަހަޅާ ފަރާތަކީ މާލެ ސިޓީން (ޕްރައިވެޓް ރިއަލްއެސްޓޭޓް މާކެޓުން) 600 އަކަފޫޓުގެ ނުވަތަ އެއަށްވުރެ ބޮޑު ހައުސިން ޔުނިޓެއް/ބިމެއް ގަނެފައިވާ، ނުވަތަ ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށައިފައިވާ ފަރާތެއް ކަމުގައި ނުވުން. (އެޕްލިކަންޓް/ކޯ އެޕްލިކަންޓް)
  • 6. މި އެޕްލިކޭޝަން ހުށަހަޅާ ތާރީހުގައި މައި އެޕްލިކަންޓުގެ ގޮތުގައި ހިމެނޭ ފަރާތް، ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި، މާލެ ސިޓީގައި ދިރިއުޅުމަށް ހޯދައިފައިވާ 600 އަކަފޫޓުގެ ތަނެއް ނުވަތަ އެއަށްވުރެ ބޮޑު ތަނެއް އެއްވެސް މީހަކަށް ދީފައިވާ ނުވަތަ ވިއްކައިފައިވާ ފަރާތެއް ކަމުގައި ނުވުން. (އެޕްލިކަންޓް/ކޯ އެޕްލިކަންޓް)
  • 7. މަހަކަށް ޖެހޭ ޖުމުލަ އާމްދަނީ -/60,000 ރުފިޔާއަށްވުރެ އިތުރަށް ލިބޭ ފަރާތެއް ކަމުގައި ނުވުން. (މައި އެޕްލިކަންޓާއި، ކޯ އެޕްލިކަންޓް ވަކިން).

ފުލެޓަށް އެދި ހުށަހެޅިދާނެ ގޮތްތަކާއި، ފުލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތާއި، އެހެނިހެން ތަފުސީލު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އުސޫލު ނަންބަރު 32-ޖީ-2023 (ގެދޮރުވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓު ދޫކުރުމުގެ އުސޫލު) ގައި ބަޔާންކޮށްފައި ވާނެއެވެ.