ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެއްޖެނަމަ މާލެއާ އެއްފެންވަރެއްގެ ޑަޔަލިސިސް ސެންޓަރެއް ކޮންމެ އަތޮޅެއްގައި ހަދާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ރޭ ބ. ކަމަދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ، ޑައިލަސިސް ހަދާ ދިވެހިންގެ އަދަދު ވަރަށް ގިނަ ކަމަށާއި އެ ހިދުމަތް ހޯދުމަށް ކޮންމެ ފަހަރަކު މާލެއަށް ދިއުމަކީ ހަރަދު ބޮޑުކަމެއް ކަމަށެވެ.

ކޮންމެ ރަށެއްގެ ސިއްހީ މަރުކަޒުގައި އެ ރަށެއްގެ އާބާދީއާ އިގްތިސޯދާ އެއް ފެންވަރެއްގެ ލެބޯޓަރީއެއް ގާއިމުކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ކޮންމެ އަތޮޅެއްގެ މައި އެއް ހޮސްޕިޓަލުގައި މާލޭގައި އަޕްގްރޭޑް ކުރެވޭ ފެންވަރަށް ޑަޔަލިސިސްގެ ހިދުމަތް ދެވޭނެ ގޮތަށް ހަމަޖައްސައިދޭނަން" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި އައިޖީއެމްއެޗުގައި މިހާރު ދެމުން އަންނަ ޑަޔަލިސިސްގެ ހިދުމަތް މިހާރަށް ވުރެ ފެންވަރު މަތިކޮށް ތަރައްގީކުރާނެ ކަމަށެވެ. އަދި މާލޭގެ ދަމަނަވެށި ތަރައްގީކޮށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެ ފެންވަރުގެ ދަމަނަވެށި ހައްދަވައިއިދެއްވާނެކަމަށް ވިދާޅުވިއެވެ.

ނަފުސާނީ މައްސަލައަކީ ދިވެހިންގެ މެދުގައި މިހާރު އާންމުވެފައިވާ މައްސަލައަކަށްވުމުން އެކަމަށް ރަނގަޅު ފަރުވާއެއް ދިނުމަށް ގާނޫނީ އޮނިގަނޑެއް އެކުލަވާލާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެކަމާ ބެހޭ ހުރިހާ ކަމެއް ހިމެނޭ ގޮތަށް، ސަރުކާރުުގެ ނިޒާމުގައި އެކަމަށް ދޭން ޖެހޭ އިސްކަން ދިނުން މަޖުބޫރުވާ ވަރަށް ގާނޫނެއް ހަދައިގެން، ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ގާނޫނެއް އިރާދަކުރެއްވިއްޔާ މަޖިލިސް މެދުވެރިކޮށް ތައާރަފު ކުރާނަން" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ކެންސަރު ބަލި މަދުކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. ކެންސަރު ބައްޔަށް މީހުން ގިނައިން ހުށަހެޅިފައިވަނީ އާންމު ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުގެ ސަބަބުން ކަމަށާއި އެހެންކަމުން "ޕްރިވެންޓިވް ހެލްތު ކެއާ" އަށް ހާއްސަ ސަމާލުކަމެއް ބަޖެޓުން ދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.