ޚަބަރު

އިލްހާމް އެމްޑީޕީއަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ދަނގަތި ދާއިރާގެ ކުރީގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީއެއްގެ ގޮތުގައި މަސައްކަތްކުރެއްވި އިލްހާމް އަހުމަދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

އިލްހާމް، އެމްޑީޕީއަށް ސޮއިކުރެއްވީ މިރޭ ބޭއްވި ހުވަދޫ ޖަގަހަ ޖަލްސާގައެވެ. އެ ޖަލްސާގައި އެމްޑީޕީއަށް ސޮއިކުރައްވައި، އިލްހާމް ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ފޯމު ހަވާލުކުރައްވައިފައެވެ.

އެމްޑީޕީއަށް ސޮއިކުރެއްވުމުގެ ކުރިން އިލްހާމް ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހަށް ތާއީދުކުރައްވާކަން މިއަދު އިއުލާންކުރައްވައިފައެވެ. ރައީސް ސޯލިހާ އެކު ނަންގަވާފައިވާ ފޮޓޯއަކާ އިލްހާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ސޯލިހަށް ތާއީދުކުރަން ނިންމެވީ ގައުމު މިއަދު މި އޮތް ހާލަތަށް ބަލައި، އަނިޔާވެރިކަމާއި ބަދަލުހިފުމުގެ ރޫހު މާޒީން ފެނިފައިވާތީ އާއި ބަދަލުހިފުމުގެ ގޮތުން ކަންކަން ކުރާނެ ކަމަށް މިހާރުވެސް ބުނަމުންދާތީ، އެފަދަ ބަޔަކު ވެރިކަމަށް އައިސްފިނަމަ ނުކުންނާނެ ނަތީޖާއާމެދު ވިސްނައި، ސިޔާސީ ބޭފުޅުންނާއި އެހެނިހެން ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކަމަށެވެ.

މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އިލްހާމް ވިދާޅުވީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ނުދެއްވައިފި ނަމަ، އަނެއްކާވެސް އަނބުރާ އެ ދެވެނީ އަމާންކަމުގެ ތެރެއަށް ކަމަށާއި ކޯޓުތަކުން ފެނިގެންދާނީ "ހަރާމް ހުކުމް"ތަކެއް ކުރަމުންދާ މަންޒަރު ކަމަށެވެ. އަދި އެކަމަށް ފުރުސަތު ނުދެއްވުމަށް އާދޭހާއެކު ދަންނަވާ ކަމަށް ވިދާޅުވިއެވެ.

އިލްހާމް، ރައީސް ސޯލިހަށް ތާއީދުކުރައްވައި އެމްޑީޕީއަށް ސޮއިކުރެއްވި އިރު، ޖުމްހޫރީ ޕާޓީގައި އިސް މެންބަރެއްގެ ގޮތުގައި އުޅުއްވާ ރިޔާޒް ރަޝީދުވެސް ތާއީދު ކުރައްވަން ނިންމާފައިވަނީ އެ މަނިކުފާނަށެވެ.

މި މަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖޭޕީގެ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގަތުމުން ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވަން ވަނީ ނިންމަވައިފައެވެ.

އޭގެ ފަހުން ގާސިމް ވަނީ، ޖޭޕީގެ ނަން ބޭނުން ނުކޮށް، އެ ޕާޓީގެ މެމްބަރުން ކޮންމެ ކެންޑިޑޭޓަކަށް ތާއީދު ކުރިޔަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެފައެވެ.