ޚަބަރު

އުރީދޫން މިރޭ އައިފޯން 15 ޕްރޯ ސީރީޒަށް ޕްރީއޯޑަރަށް ހުޅުވާލަނީ

އެޕަލުން ނެރޭ އައިފޯން 15 ޕްރޯ ސީރީޒްގެ ފޯނުތަކަށް ޕްރީއޯޑަރު ކުރުމުގެ ފުރުސަތު މިރޭ ހުޅުވާލާނެ ކަމަށް އުރީދޫން ބުނެފިއެވެ.

އެޕަލުން އައިފޯން 15ގެ ސީރީސްތައް ދައްކާލާފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ބޭއްވި ހާއްސަ އިވެންޓެއްގައެވެ. އެ އިވެންޓުގައި އައިފޯން 15ގެ ސީރީޒްގައި ހިމެނޭ އައިފޯން 15، އައިފޯން 15 ޕްރޯ، އައިފޯން 15 ޕްރޯ މެކްސްގެ އިތުރުން އެޕަލް ވޮޗް ސީރީޒް 9 ވެސް ވަނީ ދައްކާލައިފައެވެ.

އުރީދޫން ކުރި ޓުވީޓެއްގައި ބުނީ އައިފޯން 15 ޕްރޯ އަދި ޕްރޯ މެކްސްގެ ފޯނުތަކަށް މިރޭ 12:01 އިން ފެށިގެން މޫލީ މެދުވެރިކޮށް ޕްރީއޯޑަރު ކުރެވޭނެ ކަމަށެވެ.

ޓައިނޭނިއަމް ޑިޒައިނާއެކު އުފައްދާފައިވާ އައިފޯން 15 ޕްރޯއަކީ މިހާތަނަށް އެންމެ ތުނި ބޯޑަރު ހިމެނޭ އަދި އައިފޯން 14 ޕުރޯއަށް ވުރެ ލުއި ފޯނެކެވެ. އައިފޯން 14 ޕްރޯ އަދި ޕްރޯ މެކްސްގައި އެކަނި ކުރިން ހިމެނޭ ޑައިނަމިކް އައިލެންޑް މިފަހަރު ނެރުނު ހުރިހާ އައިފޯން 15 އާއި 15 ޕްރޯގެ ފޯނުތަކުގައި ވަނީ ހިމަނާފައެވެ. އެހެންކަމުން އައިފޯން 15 ގެ ހުރިހާ ފޯނުތަކެއްގެ ޑިސްޕުލޭ މިވަނީ ބަދަލު ކޮށްފައެވެ. މީގެ އިތުރުން 48 މެގަޕިކްސެލް މެއިން ކެމެރާ ވެސް އައިފޯން 15 ގެ ހުރިހާ އަދަދުތަކެއްގައި ހިމެނެއެވެ.

މުޅި ދުވަހު ހިފަހައްޓާނެ ވަރުގަދަ ބެޓެރީ ހިމެނޭ މި ފޯނުތަކުގައި ވަނީ ކުރިން ވެސް ލަފާކުރި ގޮތަށް ޗާޖިން ޕޯޓް ލައިޓްނިން އިން ޔޫއެސްބީ ސީ އަށް ބަދަލުކޮށްފައެވެ. އައިފޯން 15 ގައި ވަނީ މިހާތަނަށް ރިންގް އޮންކޮށް އޮފް ކުރުމަށް ބޭނުންކުރި ބަޓަންގެ ޑިޒައިން ބަދަލުކޮށް "އެކްޝަން ބަޓަން" އަކަށް ހަދައިފައެވެ. އެ ބަޓަނަށް ފިތާލައިގެން ހުރުމުން އެކި ފަންކްޝަންތައް ނެގޭނެއެވެ. އެ މީހަކު ބޭނުންވާ ފަންކްޝަން އައުމުން ސިލެކްޓްކޮށް އެ ކަމެއް އެ ސްވިޗް ބޭނުންކޮށްގެން ކުރެވޭނެއެވެ.

މިފަހަރު ނެރުނު ފޯނުތަކުގެ އަގުތައް އުޅެނީ އައިފޯން 15، 799 ޑޮލަރަށް އަދި އައިފޯން ޕްރޯ 999 ޑޮލަރަށެވެ. އައިފޯން 15 ޕްރޯ މެކްސް ވިއްކާނީ 1199 ޑޮލަރަށެވެ. ކުރިން 1099 ޑޮލަރުން ފެށުނު ޕްރޯ މެކްސްގެ ފޯނުތަކަށް މިފަހަރު މިވަނީ 100 ޑޮލަރުގެ އަގު ބޮޑުވުމެއް އައިސްފައެވެ. މަހުގެ 15 އިން ފެށިގެން އައިފޯން 15 އަށް ޕްރީ އޯޑަރު ކުރެވޭނެއެވެ. އަދި މި މަހުގެ 22 އިން ފެށިގެން އާންމުކޮށް ވިއްކަން ފަށާނެއެވެ.