މި ސަރުކާރުން މާލޭ މީހުންނަށް ހިލޭ ގޯތި ދިނުމަށް ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ބިންތަކުގައި އެންމެ އުސްކޮށް އިމާރާތް ކުރެވޭނީ ހަ ފަންގިފިލާއަށް ކަމަށް ކަނޑައަޅައި އެ ބިންތަކުގައި އިމާރާތް ކުރެވޭނެ އުސޫލު އާބަންކޯއިން މިއަދު އާންމުކޮށްފިއެވެ.
ހުޅުމާލޭގައި އާންމުން އުޅޭ ގެތައް ދިހަ ބުރިއަށް އުސްކުރެވޭ ގޮތަށް އާބަންކޯއިން އުސޫލަށް ބަދަލު ގެނައީ މިދިޔަ 17 އޮގަސްޓްގައެވެ. އޭގެ ކުރިން ރެޒިޑެންޝަލް ޕްލޮޓުތަކުގައި އެންމެ އުސްކޮށް ވެސް އިމާރާތް ކުރެވެނީ ހަތް ބުރިއަށެވެ.
އާބަންކޯއިން މިއަދު އާންމުކުރި "ބިންވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ގޯތިތަކުގައި އިމާރާތް ކުރުމުގެ އުސޫލު" ގައިވާ ގޮތުގައި އެ ބިންތަކުގައި ހަ ފަންގިފިލާއަށް ވުރެ އުސްކޮށް އިމާރާތެއް ނުކުރެވޭނެއެވެ. އެގޮތުން އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 18.5 މީޓަރު ކަމަށާއި ފަސް ބުރިއަށްވުރެ މައްޗަށް ނަގާނަމަ، ލިފްޓް ލާން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ ބިންތަކުގައި ގުދަން ނުހެދޭނެ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން އިމާރާތުގެ ކުރިމަތީ ފުޅާމިނަށްވުރެ އިމާރާތުގެ ކުރިމަތީ ސެޓްބެކްގެ ތެރެޔަށް ޕޭމަންޓް ލެވެލްއިން ފެށިގެން ތިން މީޓަރު ނެރެވިދާނެ ކަމަށާއި ސެޓްބެކްގެ ތެރެޔަށް ނެރޭބައި އިމާރާތުގެ ބައެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޓެރަހެއް ލާނަމަ ދުވާރުން ޓެރަސް ސްލެބް ނުވަތަ ޑެކްގެ މަތީ ކައިރިއާ ހަމައަށް އެއީ އިމާރާތުގެ އުސްމިން ކަމުގައި ބަލާނެއެވެ.
"ބިންވެރިޔާ' ސްކީމުގެ ދަށުން 18،955 މީހަކަށް ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ. އެއީ 9،001 ގޯއްޗެވެ. އޭގެ ތެރެއިން ހުޅުމާލެއިން 1،351 މީހަކަށް ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ.