ވެރިކަމުގެ ފުރަތަމަ ތިން މަސް ތެރޭގައި ނ. މާފަރު ފަޅުތެރޭގައި އޮންނަ ރާސްފިނޮޅު، އެ ރަށުގެ އިހުތިސޯސްގެ ތެރޭގައި ހިމަނުއްވައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ނ. މާފަރަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ މާފަރު ފަޅުތެރޭގައި އޮންނަ ރާސްފިނޮޅު އަލުން އެރަށާ ހަވާލުކުރައްވާނެ ކަމަށެވެ.
"މާފަރުގެ އިހުތިސާސުން ވަކިކޮށްފައިވާ ބައި އަލުން ރަށަށް އަނބުރާ ލިބޭނެ. އެކަން ކުރާނީކީ އެއް ދައުރުގެ މެދުތެރެ އަކުން ނުވަތަ ދައުރު ނިމޭ ހިސާބަކުން ނޫން، ދައުރުގެ ފުރަތަމަ 3 މަސް ތެރޭގައި އެކަން ކުރާނަން،" މުއިއްޒު ވިދާޅުވިއެވެ
މުއިއްޒު އިތުރަށް ވިދާޅުވީ ރާސްފިނޮޅު އެރަށާ އަލުން ހަވާލުކޮށް ރަށުގެ އުމްތާނީ ތަރައްގީއަށް ބޭނުންވާ ކަންތައް ފާހަގަކޮށް އެކަންކަން ކޮށްދޭނެ ކަމަށެވެ.
ރާސްފިނޮޅަކީ މީގެ ކުރިން އެރަށު މީހުން ޕިކްނިކުދާން ބޭނުންކުރަމުން އައި ފިނޮޅެއް ނަމަވެސް މިހާރު އެރަށް ވަނީ ވަރަށް ބޮޑަށް ގިރާލާފައެވެ. ނަމަވެސް ވެލިނެގުން ހުއްޓާލައިފި ނަމަ، ވެލިގަނޑު އަލުން އަރަން ފަށާނެ އެރަށު ކައުންސިލުން ފާހަގަކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު