ޚަބަރު

ދައުލަތުގެ ހަރަދުގައި ބޯންމެރޯ ހަދަން ފަސް ފަރާތަކަށް ފުރުސަތު ދީފި

ފާތިމަތު ލިޔުޝާ

ދައުލަތުގެ ހަރަދުގައި އިތުރު ފަސް ފަރާތެއް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފޮނުވުމަށް ނިންމައިފިއެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފޮނުވަން ނިންމި ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.

ހެލްތު މިނިސްޓްރީން ބުނީ ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހަދާނީ އިންޑިއާގެ އެސްޓަ މެޑްސިޓީގައި ކަމަށެވެ. އެކުދިންގެ ބޯންމެރޯ ހަދާނީ ޒަކާތު ފަންޑާއި އާސަންދަ އަދި އެންސްޕާގެ އެހީގައެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެކުދިން ފަރުވާއަށް މި ހަފުތާގެ ތެރޭގައި ފުރާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ އާއި ބޭސް ވީހާވެސް ލުއި ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އެއް އަމާޒު ކަމަށެވެ. އަދި އެ އަމާޒަށް ވާސިލުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ތެލެސީމިއާގެ އާ ސެންޓަރެއް ގާއިމުކުރުމަށްޓަކައި ހުޅުމާލެއިން ބިމެއް ހޯދައި އެބިމުގައި މޯލްޑިވިއަން ބްލަޑް ސާވިސަސްގެ އާ އިމާރާތެއް ޒާމާނީ ފެންވަރަށް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިސެންޓަރު ގާއިމުވެގެންދިއުމުން ތެލެސީމިއާ ކުދިންނަށް ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުޅާކުރެވި، ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި މި އިމާރާތުގައި ނެޝަނަލް ބްލަޑް ބޭންކްގެ ހިދުމަތް ގާއިމުކޮށް، އެހިދުމަތްވެސް ރާއްޖޭގެ ހުރިހާ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް ފޯރުކޮށްދެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމުގެ ހިދުމަތަކީވެސް ވަރަށް ހާއްސަ އިސްކަމެއް ދީގެން މިނިސްޓްރީން ބަލަމުންދާ ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ފަރުވާގެ ކަންކަން ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށް އެކި ގައުމުތަކުން މި ހިދުމަތް ދެމުންގެންދާ ގޮތް ހޯދައި ބަލައި ދިރާސާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

މިކުރެވުނު މަސައްކަތުގެ އަލީގައި މިފަހަރު ބޯންމެރޯ ހަދަންދާ ކުދިންގެ ފަރުވާގެ ކަންކަން ކާމިޔާބުކަމާ އެކު ނިންމާލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި މި ވަގުތު ވެސް ތެލެސީމިއާގެ 650 ކުދިން އެބަތިއްބެވެ.