ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ހުރަސްއަޅުއްވާ ކަމަށް ވިދާޅުވެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ.
ކޯރަމް ހަމަ ނުވެގެން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާވެސް ކުރިއަކަށް ނުގެންދެވުނެވެ. އެކަމާ ގުޅިގެން މަޖިލިސް ރައީސްގެ ފާޑު ކިޔުންތައް އިއްޔެ ރައްދުކުރެއްވީ އެމްޑީޕީއަށެވެ. މިއަދުގެ ޖަލްސާއަށްވެސް ކޯރަމް ހަމަވާ އަދަދަށް ޖަލްސާ ކުރާ މާލަމަށް މެންބަރުން ވެދެވަޑައިގަންނަވާތޯ އިންނެވުމަށްފަހު ކޯފާ އިސްކުރައްވައި މަޖިލިސް ރައީސް ވަނީ ރައްޔިތުންގެ މަޖިލިސް ހުއްޓުވަމުން ގެންދަވަނީ ކަނޑައެޅިގެން ރައީސުލްޖުމްހޫރިއްޔާ އެކަމާ ބައިވެރިވެވަޑައިގަންނަވައިގެން ކަމަށް ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ރައީސް ސޯލިހަށް، މަޖިލިސް ރައީސް މިއަދު ފޮނުއްވެވި ސިޓީގެ ކޮޕީއެއް "ވަން" އަށް ވަނީ ލިބިފައެވެ.
އެ ސިޓީގައި މަޖިލީހުގެ ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތިންވަނަ މާއްދާގެ ދަށުން މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމާއި މަޖިލީހުގެ ގަވާއިދަށް އުނިކަން އަންނަފަދަ އެއްވެސް އަމަލެއް ހިންގައިފިނަމަ، ނުވަތަ މަޖިލީހުގެ ގަވާއިދަށް އުނިކަމެއް އަތުވެދާނެ ކަމަށް ބެލެވޭ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ އެކަމެއް ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ އެ މަނިކުފާނުގެ ޒިންމާއެއް ކަމަށެވެ.
އަދި ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވަނީ މަޖިލީހުގެ ރައީސްއަށް ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ރައީސް ސޯލިހުގެ ޕާޓީ، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ އިމާރާތަށް ހާޒިރުވެވަޑައިގެން ތިއްބަވައި، މަޖިލީހުގެ ހާޒިރީގައި ސޮއިކުރެއްވި ނަމަވެސް މަޖިލީހުގެ ޖަލްސާކުރާ މާލަމުގެ އެތެރެއަށް ވަދެވަޑައިނުގަންނަވައި ތިއްބަވައި މަޖިލީހުގެ ޖަލްސާ ފެށުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަކުރެއްވުމަށް ދަތިކުރައްވައި މަޖިލީހުގެ ޖަލްސާތައް ފެށުމަށް ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށެވެ.
އަދި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން މަޖިލީހުގެ ޖަލްސާތައް ހުއްޓުވައި މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އަޅުއްވަމުން ގެންދަވަނީ ރައީސް ސޯލިހު ކަނޑައެޅިގެން އެކަމުގައި ބައިވެރިވެވަޑައިގެން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
"ދިވެހި ދައުލަތުގެ ބާރުތައް މަނިކުފާނުގެ އަތްޕުޅު މައްޗަށް ނަންގަވައި ދިވެހި ދައުލަތް ހުއްޓުވާލެއްވުމަށް ތިޔަ ކުރައްވާ މަސައްކަތްތައް ހުއްޓާލެއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުންމަތީ ދެމިހުންނާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުނަނުދީ މަޖިލިސް ކުރިއަށް ގެންދިއުމަށް އަޅުގަނޑު ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނޭ ކަމުގައި ދަންނަވަމެވެ،" ރައީސް ސޯލިހަށް ނަޝީދު ފޮނުއްވެވި ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.