ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށަން ބޭނުންވާ ވަރަށް ކޯރަމް ހަމަނުވެގެން، 10:00 ގައި ޖަލްސާ ފެށޭތޯ ބަލަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.
ކޯރަމް ހަމަވާ އަދަދަށް ޖަލްސާ ކުރާ މާލަމަށް މެންބަރުން ވެދެވަޑައިގަންނަވާތޯ މަޑުކުރެއްވުމަށްފަހު، 9:11 އެހާކަންހާއިރު މަޖިލިސް ރައީސް ވިދާޅުވީ، މެންބަރުން ވަންނަވާތޯ، މަޑުކުރައްވައިގެން އިންނެވި ކަމަށާއި، ނަމަވެސް އެވަގުތު ޖަލްސާއަށް ވަޑައިގެންތިއްބެވީ، 17 މެންބަރުން ކަމަށެވެ. ނަމަވެސް މަޖިލިސް އިދާރާގެ ގޯތިތެރޭގައި ހުރި ކުޑަ ދަޑަށުގައި އިތުރު މެންބަރުން އެބަ ތިއްބެވި ކަމަށާއި، އެހެންކަމުން އެ މެންބަރުން މަޖިލީހަށް ވަޑައިގެން ގޮނޑިކޮޅުތަކުގައި އިށީންނެވުމަށް އެދިވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ.
އޭގެ ފަހުންވެސް ކޯރަމް ހަމަވޭތޯ އިރުކޮޅަކު އިންނެވުމަށްފަހު ކޯފާ އިސް ކުރައްވައި މަޖިލިސް ރައީސް ވަނީ ކޯރަމް ހަމަނުވާ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހުއްޓުވަމުން ގެންދަވަނީ ކަނޑައެޅިގެން ރައީސުލްޖުމްހޫރިއްޔާ އެކަމާ ބައިވެރިވެވަޑައިގަންނަވައިގެން ކަމަށެވެ.
ދެން ވިދާޅުވީ، "އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކުރަން، ދަންނަވަން ދިވެހި ދައުލަތުގެ ބާރުތައް މަނިކުފާނު އަތްޕުޅު މައްޗަށް ނަންގަވައި، ދިވެހި ދައުލަތް ހުއްޓުވާލައްވަން ތި ކުރައްވާ މަސައްކަތްތައް ހުއްޓުވުމަށް، އަދި އަޅުގަނޑުގެ މަސައްކަތް އަޅުގަނޑު ނުހުއްޓާނެކަމަށް މަނިކުފާނަށް ވަރަށް ސާފުކޮށް ދަންނަވަން،"
ނަމަވެސް ރައްޔިތުންގެ މަޖިލިސް ހުއްޓުނަ ނުދީ މަޖިލިސް ކުރިއަށް ގެންދަވާނެ ކަމަށާއި، އެކަން "އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަންނަވަން ބޭނުން،" ކަމަށްވެސް ވިދާޅުވިއެވެ.
އެއަށްފަހު 9:40 އެހާކަންހާއިރު މަޖިލިސް ރައީސް ވިދާޅުވީ، 10:00 ގައި ޖަލްސާ ފެށޭތޯ ބައްލަވާނެ ކަމަށެވެ. އުއްމީދު ކުރައްވަނީ މަޖިލީހުގެ ޖަލްސާއެއް މިއަދު ކުރިއަށް ގެންދެވުމަށް ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން، މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުންނަށް ހެޔޮގޮތެއް ނޫންކަމަށް ވިދާޅުވެ، މަޖިލިސް ކުރިއަށް ގެންދިއުމަށް ހުރިހާ ރައްޔިތުން މަޖިލިސް ރައީސަށް އެހީތެރިވުމަށްވެސް އެދިވަޑައިގެންނެވިއެވެ.
މިއަދުގެ އެޖެންޑާގައިވެސް އިބުތިދާއީ ބަހުސްގެ ގޮތުގައި ފުރަތަމަ ކަމަކަށް އޮތީ، އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ، ރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރުގެ ބަހުސް ކުރިއަށް ގެންދިއުމެވެ. އޭގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި، ހުޅުދޫ ދޫއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސް ކުރިއަށް ގެންދިއުމެވެ.
އޭގެ ފަހަތަށް، ނުނިމި ހުރި މަސައްކަތްތުގެ ގޮތުގައި އެޖެންޑާކޮށްފައި ވަނީ ސަރުކާރުގެ ފަރާތުނ،ް ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ހުށަހަޅުއްވާފައިވާ، ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާފައިވާ، އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލާއި، އިދިކޮޅު ޕީއެންސީގެ، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހަޅުއްވާފައިވާ، ލ. ހިތަދޫ އާއި ކުނަހަންދޫ ގުޅުވާލުމަށް ހަމަޖެހިފައިވާ ކޯޒްވޭގެ މަސައްކަތް އަވަސްކޮށްދިނުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރާއި، ކުނަހަންދޫ އިންޖީނުގެ އާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައިވާތީ އެ މަސައްކަތް އަވަސްކޮށްދިނުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރުގެ ބަހުސް ކުރިއަށްގެންދިއުމެވެ.
މީގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައި ހުށަހެޅި ގަރާރުގެ
ބަހުސް ކުރިއަށްގެންދިއުމާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ، އިންތިހާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރު ފޯރުވަމުންދާތ،ީ އިންތިހާބުތައް އިންސާފުވެރިކުރުމަށާއި މިނިވަންކުރުމަށް ވެފައިވ ވައުދާއެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒުކޮށް މަގުފަހިކުރުމަށް ގޮވާލައި ހުށަހަޅ ގަރާރުގެ ބަހުސް ކުރިއަށްގެންދިއުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.
މަޖިލީހުގައި ދެ ކަމަކަށް ވޯޓަށް އަހަން ވަނީ އެޖެންޑާ ކޮށްފައެވެ. އެއީ އިންތިހާބުތަކާބެހޭ އާއްމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ، ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއ،ި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާގުޅޭ މައްސަލައަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު