ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކެމްޕޭން ކޮށްދެއްވުމަށް އެ މަނިކުފާނުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ހިޔާ ސަރަހައްދަށް ވަޑައިގަތުމުން، އެކަމާ ދެކޮޅަށް ހިޔާ ސަރަހައްދުގައި މުޒާހަރާކުރުމުން އެކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކުށްވެރިކޮށްފިއެވެ.
މެޑަމް ފަޒްނާ، ހިޔާ ސަރަހައްދަށް އިއްޔެ ހަވީރު ވަޑައިގެންނެވުމުން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ސަޕޯޓަރުން ވަނީ މުޒާހަރާކޮށް އެ ކަމަނާއަށް ހުތުރު ބަހުން މުހާތަބުކޮށްފައެވެ.
އެ އަމަލު ކުށްވެރިކޮށް އެޗްއާރުސީއެމުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އިންތިހާބުގައި ތާއީދުު ހޯދުމަށް މަސައްކަތްކުރުމަކީ ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށެވެ.
"ކެންޑިޑޭޓުންގެ އިންތިހާބީ ހައްގުތަކަށާއި ކެމްޕެއިން ހަރަކާތްތަކަށް އިހުތިރާމުކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއަކަށްވީ ހިނދު، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެކަކު އަނެކާގެ ހައްގުތަކަށް އިހުތިރާމުކޮށް ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން މަސައްކަތް ކުރުމަށް ގޮވާލަން،" އެޗްއާރުސީއެމުން ބުންޏެވެ.
އެޗްއާރުސީއެމުން ވަނީ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ހިޔާލާއި ޝުއޫރު ފާޅުކުރުމުގައި އަނެކާގެ އަބުރާއި، ނަފުސަށް ގެއްލުންވާ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ގޮވާލައިފައެވެ. އަދި ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ އިސް ފަރާތްތަކުން މިފަދަ އަމަލުތަކަށް ހިތްވަރު ނުދެއްވުމަށްވެސް އެ ކޮމިޝަނުން އިލްތިމާސްކޮށްފައިވެއެވެ.