ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށްދާނެ ގޮތަކާމެދު ދަ ޑިމޮކްރެޓްސް ޕާޓީން ގޮތެއް ނިންމުމަށް މިރޭ ކައުންސިލް ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

އެ ބައްދަލުވުން ބާއްވަން ނިންމާފައިވަނީ މިރޭ ނުވައެއް ޖަހާއިރު ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައެވެ. މަޖިލީހުގެ ނާއިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ "ވަން" އަށް މިއަދު ވިދާޅުވީ، މިރޭ ބާއްވާ ބައްދަލުވުމުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށްދާނެ ގޮތަކާ ގުޅޭ ގޮތުން ގޮތެއް ނިންމާނެ ކަމަށެވެ.

މި މަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރެއްވި އިލްޔާސް ލަބީބް (އިއްލި)އަށް ލިބިވަޑައިގަތީ ތިންވަނައެވެ. އެއީ 7.18 ޕަސެންޓާއެކު 15،839 ވޯޓުންނެވެ.

އެހެންވެ މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނިންމާ ގޮތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މި މަހުގެ 12 ވަނަ ދުވަހު ކައުންސިލް ބައްދަލުވުމެއް ބޭއްވިއެވެ. އެ ބައްދަލުވުމުގައި ނިންމީ ދެވަނަ ބުރުގައި ވާދަކުރާ އެމްޑީޕީއާއި ޕީޕީއެމް އާއެކު މަޝްވަރާ ކުރުމަށް ހަ މެންބަރުންގެ ކޮމިޓީއެއް އެކުލަވާލުމަށެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އިއްލި އާއި އޭނާގެ ރަނިންމޭޓް އަހުމަދު އަމްރުއާއި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު (ހަސަންކޮ) އާއި އީވާ އާއި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ އިތުރުން މުހައްމަދު ޝިފާޒު (ޝިއްޕެ) އެވެ.

އެ ކޮމިޓީން ބޭއްވި މަޝްވަރާތަކުގެ މައުލޫމާތު ހިއްސާކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ހަސަން ލަތީފު ވިދާޅުވީ، އެމްޑީޕީ އަދި ޕީޕީއެމަށް ވެސް ހުށަހަޅާފައިވާނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން މިމަހުގެ 25 ގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ކަމަށެވެ.

ނަމަވެސް ކުރެވޭ މަޝްވަރާތަކަށްފަހު އެއްބަސްވުމެއްގައި ސޮއިކުރަން ޕީޕީއެމުން ބޭނުންނުވާތީ އެ ޕާޓީ އާއެކު އިތުރަށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށާއި އެމްޑީޕީން އެ ހުށަހެޅުމަށް ނޫނެކޭ އަދި އާނބަސް ވެސް ބުނެފައިނުވާތީ އެމްޑީޕީ އާއެކު އިތުރަށް ވާހަކަދައްކަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން ކުރިއަށްދާނެ ގޮތެއް މިރޭ ނިންމާއިރު، އެ ޕާޓީގެ ބާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދެވަނަ ބުރުގައި ޑިމޮކްރެޓުން ތާއީދު ކުރާނެ ކެންޑިޑޭޓަކާ މެދު ގޮތެއް ނުނިންމައި މަޑުކުރެވެން ނެތް ކަމަށް ވިދާޅުވެފައެވެ.