މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލުމަށް، ރީރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތު ހަމަވި އިރު، 47،000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރީވުމަށް އީސީން ހުޅުވާލީ މިދިޔަ ހުކުރު ދުވަހު ހަވީރު ތިނެއް ޖެހިއިރުއެވެ. މުއްދަތު އިއްޔެ ހަވީރު ހަތަރަކަށް ވަނީ ހަމަވެފައެވެ.
އީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދެވަނަ ބުރަށް ރީރަޖިސްޓްރީ ކުރުމަށް ދިން ތިން ދުވަހުގެ ތެރޭގައި އޮންލައިންކޮށާއި އެ ކޮމިޝަންގެ ކައުންޓަރުތަކަށް އަދި އަތޮޅުތަކުގެ ފޯކަލްޕޮއިންޓް މެދުވެރިކޮށް ހުށަހެޅި 47،000 އަށްވުރެ ގިނަ ފޯމުގެ ތެރެއިން 19،000 ވުރެ ގިނަ ފޯމު ޕްރޮސެސްކޮށް ނިމިފައިވާ ކަމަށެވެ. އަދި 27،000 ވުރެ ގިނަ ފޯމެއްގެ ސައްހަކުރުމުގެ މަރުހަލާގައިވާ ކަމަށް ބުންޏެވެ.
އީސީން ބުނީ، ރީރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ފޯމުތައް ވެރިފައިކޮށް ނިމުމުން، ވޯޓުލުމަށް ރީރަޖިސްޓްރީ ލިސްޓު ސަރުކާރުގެ ގެޒެޓުގައި އާންމުކޮށް ކެންޑިޑޭޓުންނާއި ޕާޓީތަކާ ހިއްސާކޮށް ޝަކުވާއަށް ދެ ދުވަހުގެ ފުރުސަތެއް ހުޅުވާލާނެ ކަމަށެވެ.
ރީރަޖިސްޓްރޭޝަންގެ އޮންލައިން ޕޯޓަލްއާ މެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭގޮތަށް ބައެއް ފަރާތްތަކުން ހަބަރު ފަތުރަމުން ގެންދާތީ އީސީން ވަނީ، އެ ކޮމިޝަނާއި ރައްޔިތުންނާއި އަދި ކެންޑިޑޭޓުންނާ ދެމެދު އޮތް އިތުބާރު ގެއްލޭފަދަ ގޮތްގޮތަަށް ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު