ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ހަތަރު ސަރަހައްދެއްގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ޖުމުލަ ހަ ސަރަހައްދެއް ހިއްކަން ވަނީ ނިންމައިފައެވެ. އޭގެ ތެރެއިން އޭރިއާ ސީ އަދި އޭރިއާ ޑީ ވަނީ ހިއްކާ ނިންމާލައިފައެވެ. ސްރީ ލަންކާގެ ކެޕިޓަލް މެރީން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ ދަށުން އޭރިއާ ސީން 20 ހެކްޓަރު އަދި އޭރިއާ ޑީން 9.6 ހެކްޓަރު ވަނީ ހިއްކައިފައެވެ.
އާބަންކޯއިން މިއަދު ބުނީ، ބާކީ އޮތް އެރިއާ އޭ، ބީ، އީ އަދި އެފްގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މި މަހުގެ 14 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. ފުރަތަމަ ހިއްކަން ފަށާފައިވަނީ އޭރިއާ ބީއެވެ.
ޗައިނާ ހާބަރު އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން އޭރިއާ ބީން 39.6 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާއިރު، އޭރިއާ އޭއިން 71.5 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އެއީ ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ހިއްކާ އެންމެ ބޮޑު ސަރަހައްދެވެ.
އޭރިއާ އީ އިން 5.9 ހެކްޓަރުގެ އަދި އޭރިއާ އެފްއިން ހިއްކަން ނިންމާފައިވަނީ 0.73 ހެކްޓަރު ބިމެވެ.
އާބަންކޯއިން ބުނީ، ތިލަފުށީގެ ބިންހިއްކައި ތަރައްގީ ކުރުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަހައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ތަފާތު ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ.
އެގޮތުން މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އިންޑަސްޓްރިއަލް މަސައްކަތްތަކަށް އިންގިލާބީ ކުރިއެރުމެއް ލިބި މާލެ ސަރަހައްދު ތަރައްގީ ކުރުމަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށާއި އިންޑަސްޓްރިއަލް މަސައްކަތްތައް މާލެ ސަރަޙައްދުން ތިލަފުށްޓަށް ބަދަލުކުރުމުން މުޖަތަމައަށް އަދި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް ކުޑަކުރެވިގެން ދާނެ ކަމަށްވެސް ބުންޏެވެ.