ރާއްޖެ އޮތީ ބަނގުރޫޓުވެފައި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ އިރު، އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިހާބުގައި ވަމުންދާ ވައުދުތަކަކީ ފުއްދޭނެ ވައުދުތަކެއް ނޫން ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ރައްދު ދެއްވައިފިއެވެ.
އެމްޑީޕީން ސޯސަން ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް އެގޮތަށް ވިދާޅުވެފައި ވަނީ ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަ ބޮޑުކޮށްދެއްވައި ފްލެޓުތަކުގެ ކުލި ކުޑަކުރައްވަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާތީ އެކަމަށް ރައްދު ދެއްވައެވެ.
ރައީސް ވިދާޅުވީ އިދިިކޮޅުންވާ ވައިދުތަކަކީ ޕްލޭނެއް ނެތް، ދެކޮޅު ނުޖެހޭ ވައުދުތަކެއް ކަމަށެވެ.
"ބަނގުރޫޓުވެފައި އޮތް ގައުމެއްގައި އެކަން ކުރާނީ ކިހިނެއްތޯ؟ އެއް ފަރާތުން މިބުނަނީ ބަނގުރޫޓުވެފައޭ. އަނެއް ފަރާތުން އެކިއެކި މުއައްސަސާތަކުގެ މުސާރަ ދެގުނަކުރާ ވާހަކަ. އަނެއް ފަރާތަކުން އެ ބުނަނީ ކުއްޔަށް ދީފައި ހުރި ތަންތަނުގެ ކުލި އެކީގައި ކަނޑާލާ ވާހަކަ. މިއީ ކުރެވޭނެ ކަމެއްތޯ؟ މިކަންކަމާމެދު ވިސްނައި އެކަންތައްތައް ހަނދާންކޮށްދޭންޖެހޭ. އެއްވެސް ކަހަލަ ޕްލޭނެއް ނެތި ރޭވުމެއް ނެތި ވަމުންދާ ވައުދުތަކެއް އެއީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ވައުދުތައް ވުމުގެ މަގުސަދަކީ ރައްޔިތުންނަށް އޮޅުވާލައިގެން އިންތިހާބު އަނެއްކާވެސް ކާމިޔާބުކޮށް، އަނިޔާވެރިކަމާއި ބިރުވެރިކަން ރާއްޖޭގައި ފެތުރުން ކަމަށެވެ. އަދި އެކަމަށް ފުރުސަތު ނުދެއްވުމަށް ރައީސް އެދިވަޑައިގަތެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެ އަނިޔާވެރި ބައެއްގެ އަތްމައްޗަށް ދޫކޮށް ނުލުމަށް އެތައް ބަޔަކު މިއަދު ފާޅުގައި އެމްޑީޕީއަށް ސަޕޯޓުކުރުމަށް ނުކުމެއްޖެ ކަމަށާއި އެކަމުން އިތުރު ހިތްވަރެއް ލިބިވަޑައިގެންފި ކަމަށެވެ. އަދި ދެވަނަ ބުރު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު