މިމަހު 30 ވަނަ ދުވަހު ބާއްވާ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާތަން ބަދަލު ކުރުމަށްޓަކައި، އިއްޔެ އެކަނިވެސް 16،000 މީހުން ރީ-ރެޖިސްޓްރޭޝަނަށް ފޯމު ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (ސީސީ) އިން ބުނެފިއެވެ.
ދެވަނަ ބުރަށް ރީ-ރަޖިސްޓްރީ ކުރަން ހުޅުވާލާފައި ވަނީ އިއްޔެއިންފެށިގެންނެވެ. އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ، އިއްޔެ އެކަނިވެސް ރީ-ރަޖިސްޓްރޭޝަނަށް 16،000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން ނުވަ ހާހަށްވުރެ ގިނަ މީހުން އީސީއަށް ފޯމު ހުށަހަޅާފައިވާ އިރު، އޮންލައިންކޮށް ހަތް ހާހަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، "ރީ ރަޖިސްޓްރީ ކުރުމަށް، ގިނަ އަދަދެއްގެ ފޯމު ހުށަހަޅާ ފަރާތްތަކުން، ގެންނަ ފޯމުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން، އިލެކްޝަންސް ކޮމިޝަންގެ ފޯނު ނަންބަރަކުން، ފޯމު ހުށަހަޅާ ފަރާތްތަކަށް ގުޅާނެ ވާހަކަ ދަންނަވަން،" ކަމަށެވެ.
އަދި ސައްހަ ނޫން ފޯމެއް ހުށަހަޅައިފިނަމަ، އެ ފޯމެއް ހުށަހެޅި ފަރާތަކާ މެދު ފިޔަވަޅު އަޅަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ. އަދި ބުނީ، އެއްވެސް މީހެއްގެ ވޯޓުލުމުގެ ހައްގަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް އިލެކްޝަންސް ކޮމިޝަނުން އެދޭ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައި ވަނީ އިއްޔެ މެންދުރުފަހު 03:00 އިން ފެށިގެން މާދަމާ މެންދުރުފަހު 04:00 ގެ ނިޔަލަށެވެ.
މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ރަށަކަށް ނުވަތަ ތަނަކަށް ރަޖިސްޓަރީވާން އެދޭ މީހުން އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި ސިޓީ ކައުންސިލްތަކުގެ އަވަށްތަކުގެ އޮފީސްތަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. މާލޭގައިނަމަ، އިންތިހާބާ ބެހޭ މައި މަރުކަޒު (ދަރުބާރުގެ) އިންނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރީ-ރަޖިސްޓްރީވުމަށް އެދޭ ފޯމު އެކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށެވެ.
ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާ އިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެއެވެ. އަދި ފޯމު ހުށަހަޅާ އިރު، އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރަންވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ފޯމު ހުށަހަޅައިގެން ރީ-ރަޖިސްޓްރީ ކުރުމަށް 21 ދުވަހުގެ މުއްދަތެއް އަދި އޮންލައިންކޮށް ފޯމު ހުށަހަޅައިގެން ރީ-ރަޖިސްޓްރީ ކުރުމަށް ދިން 17 ދުވަހުގެ މުއްދަތުގައި 35،849 މީހުން ރީ ރަޖިސްޓްރީ ކުރިއެވެ.
ފުރަތަމަ ބުރު ވޯޓު ލުމުގެ ހައްގު 282،395 މީހުނަށް ލިބުނު ނަމަވެސް ވޯޓު ލާފައިވަނީ 225,486 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 79 އިންސައްތަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިމަހު 30 ގައި އޮންނަ ދެ ވަނަ ބުރުގެ ވޯޓު ލުމުގައި އެދުވަހާ ހަމައަށް 18 އަހަރު ފުރިގެން އަލަށް ވޯޓުމުގެ ހައްގު ލިބުނު އިތުރު 403 ޒުވާނުންނަށް ވޯޓު ލެވޭނެ ކަމަށެވެ. އެހެންކަމުން ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު ވަނީ ޖުމުލަ 282،803 އަށް އަރައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު