ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހީމް މުހައްމަދު ސޯލިހު، ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމާއެކު ދެ ދުވަސް ހޭދަ ކުރެއްވުމަށްފަހު މިއަދު ހަވީރު މާލެއަށް ވަޑައިގެންފިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް އެކުގައި މަސައްކަތް ކުރުމުގެ ދައުވަތައިގެން، ގާސިމް އިބްރާހީމްގެ އަރިހަށް، އޭނާގެ ރިސޯޓް، ވިލާ ޕާކް ސަން އައިލެންޑް ރިސޯޓަށް ރައީސް ސޯލިހު ވަޑައިގަތީ މިދިޔަ ބުދަ ދުވަހު ވިލާ އެއާގެ ފުލައިޓެއްގައެވެ.
ރައީސް ސޯލިހު ސަން އައިލެންޑްގައި ހޭދަކުރެއްވި ދެ ދުވަހުގެ ތެރޭގައި، ގާސިމާއި ދެ ބޭފުޅުން ވަކީންވެސް ބައެއް ބައްދަލުވުން ކުރިޔަށް ގެންދަވާފައިވާ ކަމަށް "ވަން"އަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ބައެއް ބައްދަލުވުންތަކުގައި އެހެން ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.
ސަން އައިލެންޑްގައި ހުންނެވި ގާސިމުގެ އަރިސް ބޭފުޅަކު "ވަން" އަށް އިއްޔެ ވިދާޅުވި ގޮތުގައި، ގާސިމް ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހާއެކު ކުރިއަށް ވަޑައިގެންފާނެ ކަމުގެ ފެހި ސިގުނަލް ދެއްވައިފައެވެ. އަދި ކުރިއަށް ދަނީ ދެ ފަރާތުން ހިއްސާ ކުރައްވާން ބޭނުންފުޅުވާ ކަންކަން ހިއްސާ ކުރެއްވުން ކަމަށް ގަބޫލުކުރެއްވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމަ އެ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވީ "ގޮތަކަށް ނިންމައިފި" ކަމަށާއި އެއީ ވަރަށް ބޮޑަށް ޔަގީން ކަމެއް ކަމަށެވެ.
"ގޮތަކަށް ނިންމައިފި. އެއީ ޔަގީން ކަމެއް. އެއަށް ފަހު ދެ ބޭފުޅުން މޫނުފުޅުމަތީންވެސް ފެންނަމުން ދިޔައީ އުފާވެރިކަމާއި އުއްމީދީ މަންޒަރުތަކެއް." ގާސިމްގެ އަރިސް ބޭފުޅާ ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ މީޑިއާ ގުރޫޕޫގައި ހިއްސާ ކޮށްފައިވާ ބައެއް ފޮޓޯ އަދި ވީޑިއޯއިން ފެންނަ ގޮތުގައި، ރައީސް ސޯލިހު އަދި ގާސިމުގެ މޫނުފުޅުމަތީން ފެންނަނީ އުއްމީދީ ނިންމެވުންތަކެއް ނިންމެވުނު ކަމުގެ މަންޒަރެވެ. ރައީސް ފުރުއްވުމުގެ ކުރީން ކަރާއި ކަރު ޖައްސައި ގާސިމާ ސަލާމް ކުރެއްވިއެވެ.
ރައީސް ސޯލިހު މާލެއަށް ވަޑައިގެންނެވި އިރު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މި ވަގުތުވެސް ތިއްބެވީ ސަން އައިލެންޑުގައެވެ. ނަމަވެސް ދެ ބޭފުޅުންގެ މި ބައްދަލުވުމުގެ ނިންމުމާ ގުޅޭ ރަސްމީ ބަހެއް އެމްޑީޕީ އަދި ޖުމުހޫރީ ޕާޓީން ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމަށް 5،460 ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ސޯލިހު ދެވަނަ ބުރަށް ވަޑައިގެންނެވީ ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ކެންޑިޑޭޓުގެ ގޮތުގައެވެ. އެ މަނިކުފާނަށް 86،161 ވޯޓު ލިބިވަޑައިގެންނެވިއެވެ.
މީގެ ކުރީން 2008ގެ ރިޔާސީ އިންތިހާބުގައިވެސް ޖޭޕީން އެމްޑީޕީ އާއެކު ކޯލިޝަން ހަދާފައިވާއިރު މިހާރު މި އޮތް ސަރުކާރުގައިވެސް އެ ޕާޓީއަކީ ކޯލިޝަން ޕާޓްނަރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު