ވެރިކަން ލިބިވަޑައިގެންފި ނަމަ، ހުޅުމާލޭގައި ޖާގަ ތަނަވަސް ތެލަސީމިއާ ސެންޓަރެއް ހަދައިދެއްވާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުުއިއްޒު ވިދާޅުވެއްޖެއެވެ.
މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އދ. މަހިބަދުއަށް މިރޭ ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، ތެލަސީމިއާ ސެންޓަރުގެ ހިދުމަތް އެތައް މީހުންނެއް ހިފަމުންދިޔަ ނަމަވެސް، އެ ސެންޓަރަށް ވަނުމުން އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭ ކަމަށެވެ.
މި ސަރުކާރުން ތެލެސީމިއާ ކުދިންނާއި މީހުންނަށް އިހުމާލުވެފައިވާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ވަސީލަތްތަކާއެކު އާ ތެލަސީމިއާ ސެންޓަރެއް ހަދައިދެއްވާނެ ކަމަށެވެ. އަދި ހިލޭ ބޯންމެރޯ ހެދޭ ގޮތް ހަމަޖައްސައިދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"ޖާގަ ބޮޑު ތެލަސީމިއާ ސެންޓަރެއް މާލޭ ސަރަހައްދުގައި، ހުޅުމާލޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގާއިމުކޮށްދޭނަން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ 4،000 އަށްވުރެ ގިނަ ކުދިން އުޅޭ ކަމަށާއި އޭނާގެ ވެރިކަމެއްގައި އެ ކުދިންނަށް ދެކޮޅު ޖެހޭނެ އެލަވެންސެއް ދޭނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި އެންމެ ޒަމާނީ ޑައިލިސިސް ސެންޓަރެއް މާލެއާއި މެދުރާއްޖެތެރެއާއި އުތުރުގައި ގާއިމުކުރައްވާނެ ކަމަށެވެ.
އޭނާގެ ވެރިކަމެއްގައި ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރާތާ ދިހަ އަހަރުވުމުން، ގެދޮރު ބިނާކުރުމަށާއި އަމިއްލަ ވިޔަފާރިއެއް ފެށުމަށާއި ދަރީންގެ ކިޔެވުމަށް އެ ފަންޑުން ފައިސާ ނެގޭނެ ގޮތް ހެދުމަށް ގާނޫނު ބަދަލުކުރަން ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު