ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އާއި ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިން، ދުބާއީގެ އެމިރޭޓްސް އިން ކޯޑް ޝެއާ ކުރަން ފަށައިފިއެވެ.
މޯލްޑިވިއަން އާއި އެމިރޭޓްސް އާ ދެމެދު ކޯޑް ޝެއަރިން އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ އެއްބަސްވުމާއެކު އެމިރޭޓްސްގެ ކަސްޓަމަރުންނަށް، މޯލްޑިވިއަންގެ އެތެރޭގެ 16 މަންޒިލަކަށް އުދުހުމަށް އެމިރޭޓްސްގެ ޓިކެޓް ގަންނައިރު ޓިކެޓު ބުކް ކުރެވޭނެއެވެ.
ކޯޑް ޝެއާކުރަން ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދެ އެއާލައިނުން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ބުނީ، މާދަމާ އިން ފެށިގެން ކޯޑް ޝެއާކުރަން ފެށުމުން އެމިރޭޓްސް އިން ރާއްޖެ އަންނަ ފަސިންޖަރުންނަށް އެ މީހަކު ރާއްޖެ އަންނަން ޓިކެޓު ގަންނައިރު، މޯލްޑިވިއަނުން އުދުހޭ އެތެރޭގެ މަންޒިލްތަކަށް ޓިކެޓް ބުކް ކުރެވޭނެ ކަމަށެވެ.
އެމިރޭޓްސްގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން އަދި ޓްރެވަލް އެޖެންސީތައް މެދުވެރިކޮށް ޓިކެޓް ގަތް ނަމަވެސް އެ ގޮތަށް ޓިކެޓު ގަނެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މޯލްޑިވިއަންގެ ޖެނެރަލް މެނޭޖަރު، ކޮމާޝަލް އިބްރާހިމް ހަމްދާން މުހައްމަދު ވިދާޅުވީ، އެމިރޭޓްސް ފަދަ ބައިނަލްއަގުވާމީ ބޮޑު ކުންފުންޏަކާ އެކު ކޯޑް ޝެއަރިން އެއްބަސްވުމެއްގައި ސޮއިކުރުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ވައިގެ ދަތުރުތައް އިތުރަށް ފުޅާވެ، ވައިގެ ދަރުތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް ހަމްދާން ވިދާޅުވިއެވެ.
އެމިރޭޓްސްގެ ޗީފް ކޮމާޝަލް އޮފިސަރު އަދުނާނު ހާޒިމް ވިދާޅުވީ، އެއްބަސްވުމުގެ ސަސަބުން ރާއްޖޭގެ ގިނަ ރަށްތައް ކުޑަ އަގެއްގައި ބަލާލުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން އެމިރޭޓްސްގެ ކަސްޓަމަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އުދުހެވޭނެ މަންޒިލްތަކަކީ ދަރަވަންދޫ އެއާޕޯޓް، ފަރެސްމާތޮޑާ އެއާޕޯޓް، ފުނަދޫ އެއާޕޯޓް، ފުވައްމުލަކު އެއާޕޯޓް، ގަމު އިންޓަނޭޝަނަލް އެއާޕޯޓް، ކުޅުދުއްފުށި އެއާޕޯޓް، ހޯރަފުށި އެއާޕޯޓް، ކާޑެއްދޫ އެއާޕޯޓް، ކައްދޫ އެއާޕޯޓް، މަޑިވަރު އެއާޕޯޓް، މާފަރު އިންޓަނޭޝަނަލަލް އެއާޕޯޓް، މާވަރުލު އެއާޕޯޓް، ތިމަރަފުށި އެއާޕޯޓް އަދި އިފުރު އެއާޕޯޓު ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު