އއ. ފެރިދޫގައި އޭލެވެލްއަށް ކިޔެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ފެރިދުއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް އެ ރަށުގެ އިގުތިސޯދު ކުރިއެރުވުމަށް ސްލިޕް ވޭއެއް ގާއިމުކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

"ތިބޭފުޅުން އެބަ ބޭނުންވޭ އޭލެވެލް ކިޔެވޭނެ ގޮތް ހަދަން. އެކަމަށްޓަކާ އެބަޖެހޭ މަސައްކަތްތަކެއް ކުރަން. އެކަންކުރުމަށްޓަކައި މި ރަށުގެ އާބާދީގައި ތިއްބެވި ކުދިންނާއި އަދި ކައިރި ރަށްރަށުން ވެސް ކުދިން އެ ހިދުމަތް ހޯދަން އައީމާ، ނޫނީ އެހެން ދިމާލަކުން ވެސް އައީމާ އެކަން ފަސޭހައިން ވަނީ. އެހެންނަމަވެސް އެ ފުރުސަތު ހޯދައި ދެވިދާނެ. އެހެންމަ އެކަން ކުރުމަށްޓަކައި އޭލެވެލް އިންތިޒާމު ގާއިމުކުރުމަށްޓަކައި ހަމަ ތި ބޭފުޅުން އެދިލައްވާ ގޮތަށް އިރާދަކުރެއްވިއްޔާ އެކަން ފަހިކޮށްދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ފެރިދޫ ރައްޔިތުން އެދިފައިވަނީ ޓާޝަރީ ހޮސްޕިޓަލެއް އެ ރަށުގައި ހެދުމަށް ކަމަށާއި ނަމަވެސް އެފަދަ ހޮސްޕިޓަލްތަކަކީ ސަރަހައްދީ ފެންވަރުގެ ހޮސްޕިޓަލްތައް ކަމަށެވެ. ޓާޝަރީ ހޮސްޕިޓަލަކީ އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލަށްވުމުން، އާބާދީ، އިގުތިސޯދީ އަދި އުމްރާނީ ތަރައްގީ އެފަދަ ހޮސްޕިޓަލެއް ހުންނަ ސަރަހައްދެއްގައި ގާއިމުވެފައި ހުންނަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ފެރިދޫގައި ޓާޝަރީ ހޮސްޕިޓެއް ހަދައިނުދެވުނަސް ރަށުގެ ސިއްހީ މަރުކަޒަކީ ހުރިހާ އަސާސީ ހިދުމަތެއް ގާއިމުވެފައިވާ، ކައިރި ރަށްރަށުން މީހުން ފަރުވާ ހޯދަން އަންނަ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރާނެ ކަމަށް ވިދާޅުވިއެވެ.

އަދި ރަށުގެ ޒުވާނުން ބޭނުންވާ ޔޫތް ސްޕޯޓްސް ފެސިލިޓީސް އެއް ހަދައި ކައުންސިލާ ގުޅިގެން ޕިކްނިކް އައިލެންޑެއް ހަމަޖައްސައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ތިބޭފުޅުން ގާތު ދަންނަވަން ބޭނުންވަނީ އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ތިބޭފުޅުން 30 ވަނަ ދުވަހު އޮންނަ ވޯޓުގައި ތާއިދުކުރައްވާ މި އިންތިހާބު ކާމިޔާބުކުރުމުގެ އެހީތެރިކަން ދެއްވުމަށް. އެ ފުރުސަތު ތިބޭފުޅުން ދެއްވުމަކީ އަޅުގަނޑު އެދޭގޮތް. އިރާދަކުރެއްވިއްޔާ ތިބޭފުޅުން އެދޭ ކަންކަމުގައި އަޅުގަނޑަށް ކުރެވެން ހުރި އެންމެ ރަނގަޅަކަށް މަސައްކަތް ކޮށްދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ އަމާޒަކީ ހަމަހަމަކަމާ އެކު ތަފާތުކުރުމެއް ނެތި އަދުލުވެރިކަމާއެކު އިންސާފުން އިހުލާސްތެރިކަމާއެކު ހުރިހާ ރަށަކަށް ކަންކަން ކޮށްދެއްވުން ކަމަށެވެ. ރައްޔިތުން އެއްބައިވެ މިސްރާބު ޖަހަންވީ ތަރައްގީއަށް ދިމާއަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ދެވަނަ ބުރުގެ ކެމްޕޭން ސްޓްރެޖެޓީއެއްގެ ގޮތުގައި ސަރުކާރުން ކުރާ ކަމަކީ ދޮގު ހެދުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. ސަރުކާރުން އޭނާއާ ގުޅޭގޮތުން ދައްކާ ވާހަކަތައް ރައްޔިތުން ގަބޫލު ނުކުރުމަށާއި އެކަންކަން އޮޅުންފިލުވުމަށް ރައްޔިތުން އޭނާއާ ސުވާލުކުރުމަށް އެދިވަޑައިގެންނެވިއެވެ. އަދި ވިދާޅުވީ ޖަވާބުދާރީ ނުވެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

ސިޔާސީ މަގާމުތަކުގައި ތިބި މީހުން ފިޔަވައި އެހެން އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރާނެ ކަމަށެވެ. ޕީއެންސީ ކެމްޕޭން ކޮށްދިނުމުގެ ސަބަބުން ވަޒީފާއިން ކަނޑާލި ނަމަވެސް އޭނާގެ ވެރިކަމެއްގައި އެ މީހުންނަށް އަނބުރާ ވަޒީފާ ދޭނެ ކަމަށާއި އެހެންކަމުން ސަރުކާރުން ދައްކާ ބިރަށް ސިހިގެންނުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.