މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބު 2023 ގެ ދެވަނަ ބުރުގެ ވޯޓުނެގުމާއި ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށާއި، މޮނިޓަރުންނަށް ވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ބުނީ އެ ފުރުސަތު ހުޅުވާލީ، ދެވަނަ ބުރުގައި އޮބްޒާވަރުން، މޮނިޓަރުން އަދި މަންދޫބުންގެ ގޮތުގައި އަލަށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ކަމަށެވެ.

ހަބީބުގެ ޓުވީޓުގައި އިތުރަށް ވިދާޅުވީ ދެވަނަ ބުރުގެ ވޯޓު ނެގުމާއި ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށާއި، މޮނިޓާ ކުރުމަށް ޝައުގު ހުރި ފަރާތްތަކަށާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގަ އާއި، ކެންޑިޑޭޓުންގެ ފަރާތުން ފޯމު ހުށަހެޅުމަށް މިއަދުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ 15:00 އާ ހަމަޔަށް ފުރުސަތު އޮންނާނެ ކަމަށެވެ.

މީގެ އިތުރުން އިންތިހާބުގެ ފުރަތަމަ ބުރުގައި އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ފާސް ހެއްދި ފަރާތްތަކުން ދެވަނަ ބުރުގައިވެސް ހަރަކާތްތެރިވާ ނަމަ އިތުރަށް ފާސް ހައްދަން ނުޖޭހެނެ ކަމަށް އީސީން ބުނެއެވެ.

މޮނީޓަރުންގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެ ފަރާތަކީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގައި ރަޖިސްޓަރީ ކޮށްފައިވާ ރޭޑިއޯ/ ޓީވީ ސްޓޭޝަނެއްގައި މަސައްކަތް ކުރާ މީހެއްކަން އެ ކޮމިޝަނަށް ކަށަވަރުވާ ނުވަތަ، ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތް ކުރާ މީހެއްކަން އީސީއަށް ކަށަވަރުކޮށްދޭން ޖެހޭނެއެވެ.

މީގެއިތުރުން ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާއަތަކުން ނުވަތަ އަމިއްލަ ގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއް ނަމަ، އެ މީހަކީ ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހެއްކަމުގައި ވެގެން ނުވާނެ ކަމަށްވެސް އީސީގެ ގަވައިދުގައި ވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.