ޚަބަރު

ވިނަރެސް ފްލެޓްތަކާއި ކުންފުނިތަކުން ހަދާ ފްލެޓްތަކުގެ ކުލި ކުޑަ ކޮށްދޭނަން: މުއިއްޒު

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ހަދަން ފަށައި, މި ސަރުކާރުން ނިންމި ވިނަރެސް ފްލެޓްތަކުންނާއި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުންފުނިތަކުން ހަދާފައިވާ ފްލެޓްތަކުގެ މަހު ކުލި ކުޑަކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާވެޔޮމަގުގައި މިރޭ ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ, ވިނަރެސް ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރީ އޭނާ ކަމަށާއި އެހެންކަމުން އެ ފްލެޓްތައް ހަދަން ދިޔަ ހަރަދު އެނގޭނެ މީހަކު އޭނާ ނޫނީ ނުހުންނާނެ ކަމަށެވެ. އަދި އެ މަޝްރޫއަށް ދިޔަ ހުރިހާ ހަރަދެއް ރައީސް އޮފީހުގައި ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ, މި ސަރުކާރުން ވިނަރެސް ފްލެޓްތަކުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާގެ ޑައުންޕޭމަންޓެއް ނަގައި, އެންމެ އަގުބޮޑެތި ފްލެޓްތަކަށް ދައްކަންޖެހޭ މަހު ކުލި އެ ތަނުން ނަގަމުންދާ ކަމަށެވެ.

"އަޅުގަނޑު ދޭނެ ޔަގީންކަމަކީ ވިނަރެސްގެ ޑައުންޕޭމަންޓަށް ދައްކަން އޮތް ބޮޑު އަގާއި މަހުން މަހަށް ދައްކަންޖެހޭ އަގު ކުޑަކޮށްދީ, ރައްޔިތުންގެ އަތްފޯރާފަށަށް ކުޑަކޮށްދޭނަމޭ. އެއީ އެކަން ކުރެވެން އޮތީމަ," މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ, ވިނަރެސް ފްލެޓްތަކެކޭ އެއްގޮތަށް ކުންފުނިތަކުން ހަދާފައިވާ ފްލެޓްތަކަށް ދިޔަ ހަރަދުވެސް އޭނާއަށް އެނގޭ ކަމަށާއި އެއީ ބޮޑު އަގުގައި ވިއްކަން ވެގެން ރައީސް ޔާމީންގެ ސަރުކާރުގައި ފެށި މަޝްރޫއެއް ނޫން ކަމަށެވެ. އެހެންކަމުން އެ ތަންތަނުން މިހާރު ނަގަމުންދާ އަގުތައްވެސް ކުޑަކޮށްދޭން މުއިއްޒު ވައުދުވެ ވަޑައިގެންނެވިއެވެ.