މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންގެ މުސާރައިގެ 50 ޕަސަންޓު ޑޮލަރުން އަލުން ދޭން ފަށައިފިއެވެ.
އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރައިގެ 50 ޕަސަންޓު ކުރީން ދެމުން އައީ ޑޮލަރުންނެވެ. ނަމަވެސް ކޮވިޑް-19 އިގެ ސަބަބުން ދިމާވި ޑޮލަރުގެ ތާށިިކަމުގެ ސަބަބުން، އެމްއޭސީއެލުން ވަނީ ޑޮލަރުން މުވައްޒަފުންނަށް މުސާރަ ދިނުން މެނދުކަނޑާލައިފައެވެ.
އެ ކުންފުނިން މިއަދު ބުނީ މިމަހުން ފެށިގެން މުވައްޒަފުންގެ މުސާރައިގެ 50 ޕަސަންޓު އަލުން ޑޮލަރުން ދޭން ފަށައިފައިވާ ކަމަށެވެ.
ކޮވިޑް-19އިގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުން ޓޫރިސްޓުން އައުން އެއްކޮށް ހުއްޓުނެވެ. އަލުން ބޯޑަރު ހުޅުވާލުމާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. އެއާއެކު ދައުލަތަށް ވަންނަ ބޭރު ފައިސާގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ރާއްޖޭގެ އިގްތިސޯދު މިހާރު ވަނީ ކޮވިޑް-19އިގެ ކުރީގެ އަހަރަށްވުރެ ކުރި އަރާފައި ކަމަށެވެ. ކޮވިޑަށް ފަހު އެންމެ ބާރަށް އިގްތިސޯދު ކުރިއަރާ 10 ގައުމުގެ ތެރޭގައި ރާއްޖޭ ހިމެނޭކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. އަދި ރާއްޖެއަށް ބޭރު ފައިސާ ލިބުމުގައި މިހާރު ދަތިކަމެއް ނެތް ކަމަށް ވެސް ފިނޭންސުން ބުނެފައިވެއެވެ.