އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ގެންގުޅުއްވާ ވިޔަފާރީގެ ސިޔާސަތުތަކާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން އުފެދިފައިވާ ޑިމާންޑާ ގުޅިގެން އައިފޯނުގެ އަގުތައް ބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމުގެ އިންޒާރު އެޕަލްގެ ސީއީއޯ ޓިމް ކުކް ދެއްވައިފިއެވެ. މިހެން ވިދަޅުވެފައި މިވަނީ، އެޕަލް އިން އިންޓެލް ކޯޕަރޭޝަނާ ގުޅިގެން އެމެރިކާގައި ސެމިކޮންޑަކްޓަރ ފަރުމާކޮށް އުފައްދަން އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް އިއުލާނުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ޓްރޫތު ސޯޝަލް ޕްލެޓްފޯމުގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މިއީ އެމެރިކާގެ ސެމިކޮންޑަކްޓަރ ސިނާއަތް ކުރިއަރުވައި، ބޭރު ގައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ވައިޓް ހައުސްއިން ގެންގުޅޭ ޕްލޭންގެ ދަށުން ވެވުނު އެއްބަސްވުމެކެވެ. އެމެރިކާގައި ހުރިހާ އެއްޗެއް ފަރުމާކުރި ނަމަވެސް، އެ ތަކެތި އުފައްދަން ޖެހޭނީ ވެސް އެމެރިކާގައި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

މީގެ އިތުރުން، އިންޓެލްގައި އެމެރިކާ ސަރުކާރުގެ 10 އިންސައްތަ ހިއްސާ އޮންނަ ކަމަށާއި، އެ ކުންފުނީގެ އަގު މިހާރު 600 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. މި އިއުލާނާ ގުޅިގެން އިންޓެލްގެ ހިއްސާގެ އަގު ވަނީ ނުވަ އިންސައްތަ އުފުލިފައެވެ.

ނަމަވެސް، ވޯލް ސްޓްރީޓް ޖާނަލްއަށް ދެއްވި އިންޓަވިއުއެއްގައި ޓިމް ކުކް ވިދާޅުވި ގޮތުގައި، އޭއައި ޓެކްނޮލޮޖީއަށް އޮތް ޑިމާންޑު ބޮޑުވުމުގެ ސަބަބުން މެމޮރީ އަދި ސްޓޯރޭޖް ޗިޕްތަކުގެ އަގު އުފުލެމުންދާތީ، އައިފޯނުގެ އަގުތައް ބޮޑުކުރުމަކީ މުސްތަގުބަލުގައި ކުރަންޖެހިދާނެ ކަމެކެވެ. ކަސްޓަމަރުންނަށް މި ބުރަ ކުޑަކޮށްދިނުމަށް އެޕަލް އިން މަސައްކަތްކުރަމުން އަންނަ ކަމަށާއި، ނަމަވެސް މިހާރުގެ ހާލަތު އޮތް ގޮތުން އެކަން ދެމެހެއްޓުމަކީ ދަތި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް އެޕަލް އިން އެންމެ ބޮޑަށް ބަރޯސާވެފައިވަނީ ޓައިވާން ސެމިކޮންޑަކްޓަރ މެނުފެކްޗަރިން ކޮމްޕެނީ (ޓީއެސްއެމްސީ) އަށެވެ. ނަމަވެސް، އެމެރިކާއަށް އެތެރެކުރާ ސެމިކޮންޑަކްޓަރތަކުން 100 އިންސައްތައިގެ ޓެކުހެއް ނެގުމަށް ޓްރަމްޕްގެ ސަރުކާރުން ނިންމާފައިވުމާއެކު، އެމެރިކާގައި ތަކެތި އުފައްދާ ކުންފުނިތަކަށް މި ޓެކުހުން އިސްތިސްނާ ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެޕަލް އަދި އިންޓެލް އިން މި އެއްބަސްވުމާ ގުޅޭގޮތުން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.