ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން، ގިރާވަރު ފަޅުން ގޯތި ލިބޭ މީހުންނަށް ގޯތި ހަވާލުކުރުމާއި ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އަންނަ ހަފުތާގައި ނެރޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީން މިހެން ވިދާޅުވީ ގޯތި ހަވާލުކުރި މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމަށް އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި އަކްރަމް އިތުރަށް ވިދާޅުވީ، ދެދުވަހެއްގެ ތެރޭ އީއައިއޭ ހެދުމަށްފަހު ހުއްދަ ލިބުނީމާ އަންނަ ހަފުތާގެ ހުކުރު ދުވަހު ހައްގުވެރި މީހުންނަށް ގޯތި އަދި ފްލެޓްތައް ހަވާލުކުރުމުގެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށެވެ.
"އެކަން ފެށޭނެ ކަމަށް މި ބަލަނީ އަންނަ ހަފުތާގެ ހުކުރު ދުވަހު. ގޯތި ދިނުމުގެ ކަންކަން މަސްދުވަސްތެރޭ ނިންމާލެވޭނެ ކަމަށް އުންމީދުކުރަނީ. ގުޅިފަޅުން ވަނީ ގޯތި ދޭން ފަށާފަ. ގިރާވަރު ފަޅުން އަންނަ ހަފުތާތެރޭ ދޭންފަށާނެ. ނޮވެމްބަރުގެ ކުރިން ހުރިހާ ގޯތިގެ ރަޖިސްޓްރީތައް ހަވާލުކުރުން ޓާގެޓަކީ" އަކްރަމް ވިދާޅުވިއެވެ.
އަކްރަމް އިތުރަށް ވިދާޅުވީ ގޯތި ލިބޭ މީހުންނަށް ރަޖިސްޓަރީ ހަވާލުކުރަނީ ލޯޔަރުން މެދުވެރިކޮށް ކަމަށް ވާތީ ލަސްވަނީ ކަމަށެވެ. އެކަން އެގޮތަށް ކުރިއަށް ގެންދިއުމުގެ މަގްސަދަކީ، މި ސަރުކާރު ބަދަލުވީ ނަމަވެސް ގޯތި އަދި ފްލެޓްތައް އަތުލުމުގެ ބާރު ސަރުކާރަށް ނޯންނާނެތީއެވެ.
"ދެން އަންނަ ސަރުކާރެއްގަ ނަމަވެސް އޭރުން އެހެން އިތުރު ގޮތަކަށް ބަދަލު ނުކުރެވޭނެތީ ލޯޔަރެއް މެދުވެރިކޮށް ގޯތި ރަޖިސްޓްރީ ހަވާލު ކުރުމުގެ ކަންތައް ކުރިއަށް މި ގެންދަނީ. އޭގެ ސައްހަކަން ބޮޑަށް ކަށަވަރުވާނީ އޭރުން. އެކަމަށް ހުރަސް ނޭޅޭނީ އޭރުން. ލޭންޑް ޔޫސް ޕްލޭނާއި އެކީ އެކަން ކުރުމަށް ހަމަޖެހިފައިވަނީ" އަވްރަމް ވިދާޅުވިއެވެ.
"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓަށް 20،697 މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ޝަތުރު ހަމަވަނީ 13،763 މީހުންނެވެ. އެއީ ދެ ކޮޓަރީގެ ފްލެޓް ލިބޭ 3،903 މީހުންނާއި ތިން ކޮޓަރީގެ ފްލެޓް ލިބޭ 9،860 މީހުންނެވެ. ހައުސިން މިނިސްޓްރީން އިއުލާނުކޮށްފައިވާ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި 18،955 މީހުން ހިމެނެއެވެ. ގެދޮރުވެރިޔާ ސްކީމުން ހުޅުމާލޭން 1351 ގޯތި، ގުޅިފަޅުން 2219 އަދި ގިރާވަރު ފަޅު ހިއްކައިގެން 5433 ގޯތި ދިނުމަށް ވަނީ ނިންމައިފައެވެ. އެއީ ޖުމުލަ 9003 ގޯއްޗެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު