ޚަބަރު

ހުޅުމާލެއިން ގޯތި ދޫކުރި މައްސަލަ އޭސީސީން ބަލަނީ

މުހައްމަދު އިޝާން

ރިޔާސީ އިންތިހާބަށް ކައިރިވެފައި ވަނިކޮށް ހުޅުމާލޭ ފޭސް ދޭކުން ގޯތި ދޫކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަން ފަށައިފިއެވެ.

އޭސީސީން މިއަދު ބުނީ ގޯތި ލިބުނު މީހުންގެ މެދުގައި ގުރުއަތު ނެގުމުގެ ކަންކަން ދިޔަ ގޮތް ވެސް އެ ކޮމިޝަނުން އަންނަނީ ބަލަމުން ކަމަށެވެ.

"ކޮމިޝަނަށް ހުށަހެޅި ބަލަމުންގެންދާ މައްސަލަތަކުގެ ތެރޭގައި ހުޅުމާލެއިން ގޯތި ދޫކުރި ގޮތާއި، ގުރުއަތުލުން ކުރިއަށްގެންދިޔަ ގޮތާ ގުޅޭ މައްސަލައެއް ވެސް ކޮމިޝަނުން ދަނީ ބަލަމުން" އޭސީސީން ބުންޏެވެ.

މާލޭ ރައްޔިތުންނަށް ގޯތި ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވަނީ ވެރިކަމުގެ ފުރަތަމަ ދައުރު ނިމުމުގެ ކުރިން ގުޅިފަޅު، ހުޅުމާލެ ފޭސް ދޭއް، އަދި ގިރާވަރުފަޅުން ގޯތި ދެއްވުމަށެވެ.

އެ ވައުދު ފުއްދުމުގެ ގޮތުން "ބިންވެރިޔާ' ސްކީމުގެ ދަށުން 18،955 މީހަކަށް ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ. އެއީ 9،001 ގޯއްޗެވެ. މި ދައުރު ނިމުމުގެ ކުރިން އެ އެންމެންނަށްވެސް ގޯތި ދީ ރަޖިސްޓަރީ ހަވާލުކުރާނެ ކަމަށް ސަރުކާރުން ބުނާއިރު، ގޯތި ލިބޭ މީހުންގެ މެދުގައި ގުރުއަތު ނެގީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.

ހައުސިން މިނިސްޓްރީން ވަނީ ހުޅުމާލެ ފޭސް ދެއަކުން ގޯތި ލިބުނު މީހުންނަށް ގޯތި ދޫކުރަން ފަށައިފައެވެ. ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ނޮވެމްބަރު ފަހެއްގެ ކުރިން ގޯތި ދޫކުރާނެ ކަމަށާއި އަދި ގިރާވަރުން އަންނަ ހަފުތާގައި ގޯތި ދޫކުރާނެކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.