ހިޔާ ފްލެޓުތައް ހެދުމަށް އާންމުންގެ އަތުން ދިޔަ ހަރަދުގެ އެވަރެޖު އަގެއް ހެދުމަށްފަހު، އެ އަގު އޭނާގެ ވެރިކަމެއްގައި އެ ރައްޔިތުންނަށް ދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް-ޕީއެންސީން ހުޅުމާލޭގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައި އޮތީ ހިޔާ ފްލެޓުތައް އެއްކޮށް ނިންމުމަށް ފަހު މީހުންނާ ހަވާލުކުރުމަށް ކަމަށެވެ. އަދި އެކަމަށް އެޗްޑީސީން ލޯނެއް ނަގައިގެން އެކަން ކުރާ ގޮތަށް ލޯނުވެސް ހަމަޖައްސާފައި އޮތް ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، މި ސަރުކާރު އައިސް ފުރަތަމަ މަސައްކަތްކުރީ ހިޔާ ޓަވަރުތައް ތަޅާލުމަށް ކަމަށާއި އެކަން ނުވުމުން ފްލެޓުތައް ހުރި ގޮތަށް ރައްޔިތުންނާ ހަވާލުކުރީ ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރުމުން އެ ފްލެޓުތައް ހަދަން ރައްޔިތުން ބޮޑު ހަރަދެއް ކުރަން ޖެހުނު ކަމަށާއި އަދިވެސް ބައެއް ފްލެޓުތަކުގައި ތަރަފާލި އަޅައިގެން ދިރިއުޅޭ މީހުން އުޅޭ ކަމަށް ވިދާޅުވިއެވެ.

"އެވަރެޖު އަގެއް، އިރާދަކުރެއްވިއްޔާ ދެ ލައްކަ ރުފިޔާ، އެހާކަށްހާވަރު ކޮސްޓުން ކަނޑައިދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ހިޔާގެ ހުރިހާ ޓަވަރެއްގައި އިތުރު ލިފްޓެއް ލައިދީ އެތަނުގައި އެކި ހިދުމަތްތައް ގާއިމުކޮށްދީ، އެ ތަނަކީ އުޅެން ހިތްފަސޭހަ ތަނަކަށް ހަދައިދޭނެ ކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ސޯޝަލް ހައުސިންއަށް ދައްކަން ޖެހޭ ކުލި ނުދެއްކިގެން އަރާފައިވާ ހުރިހާ ޖޫރިމަނާއެއް މައާފުކޮށްދޭނެ ކަމަށެވެ.