ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާގުޅޭ މައްސަލައަށް ވޯޓަށް އަހަން ބޭނުންވާ ވަރަށް މަޖިލިސް ތަޅުމުގައި މެންބަރުން ނެތުމުން ރައްޔިރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ވެސް މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތް ކޮމިޓީތަކުގެ މަސައްކަތް މިއަދު ނިންމުމުގެ މުހިއްމުކަން މަޖިލިސް ރައީސް ފާހަގަ ކުރެއްވިއެވެ.
މަޖިލިހުގެ ރައީސް ވިދާޅުވީ، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ހިމެނޭ މެންބަރުންނަށް އައި ބަދަލާއެކު މަޖިލީހުގެ ދަފުތަރުގައި މެންބަރުން ހިމެނިފައިވަނީ، އެމްޑީޕީގެ 53 މެންބަރުންނާއި ޕީޕީއެމްގެ ފަސް މެންބަރުންނާއި ޕީއެންސީގެ ތިން މެންބަރުންނާއި އެމްއެންޕީގެ ދެ މެންބަރުންނާއި ދަ ޑިމޮކްރެޓްސްގެ ތިން މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ ދެ މެންބަރުންގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތް ނުވާ 16 މެންބަރުން ކަމަށެވެ.
ކޮމިޓީތައް އެކުލަވައި ނުލެވުމުގެ ސަބަބުން އެ ކޮމިޓީތަކުގައި މަސައްކަތްތައް ހުއްޓިފައި ހުރިކަން ފާހަގަ ކުރައްވައި، ދާއިމީ ކޮމިޓީތައް އެކުލެވިފައިވާ ގޮތް މިއަދުގެ ޖަލްސާއިން ފާސްކޮށްދެއްވުމަށް މެންބަރުންގެ ކިބައިން މަޖިލިސް ރައީސް އެދިވަޑައިގެންނެވިއެވެ. ކޮމިޓީތައް އެކުލެވިފައިވާގޮތުގެ ރިޕޯޓެއް މަޖިލިސް ތަޅުމަށް ހުށަހެޅިފައިވާ ކަމަށާއި 10:15 ގައި އެ ރިޕޯޓަށް ވޯޓަށް އައްސަވާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. އެ މައްސަލައަށް ބަހުސް ކުރުމަށް މެންބަރުންނަށް ފުރުސަތު ހުޅުވައިލެއްވިއެވެ.
ނަމަވެސް 10:30 އާ ހަމައަށް ޖަލްސާ ގެންދެވުމަށްފަހު، މަޖިލިސް ރައީސް ވިދާޅުވީ، ވޯޓުގެ ރަނގަބީލު ޖެހުމަަށްފަހުގައި އޭގެ ވަގުތުވެސް ހަމަވެއްޖެ ކަމަށެވެ. ނަމަވެސް އޭރު މަޖިލީހުގެ ތަޅުމުގައ ތިއްބެވީ 10 މެންބަރުން ކަަމަށްވެސް ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑަކަށެއް ވޯޓަށް އެހޭކަށް ނެތް، މިއަދު މަޖިލީހުގެ އެޖެންޑާގައި އޮތީ، މި މައްސަލައާބެހޭގޮތުން ގޮތެއް ނިންމުމަށް އެހެން ނަމަވެސް ވޯޓަށް އެހުމަށް ކޯރަމް ހަމަވާ މިންވަރަށް، މަޖިލީހުގެ ތަޅުމަށް، އެއީ 22 މެންބަރުން ވަޑައިނުގަންނަވާތީވެ، އަޅުގަނޑަށް މައްސަލަ ކުރިއަކަށް ނުގެންދެވޭނެ،" ކަމަށް ވިދާޅުވެ މަޖިލިސް ރައީސް މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު