ސްޕެއިންގެ ފުޓުބޯޅަ ފެޑަރޭޝަންގެ ރައީސް ލުއިސް ރުބިއަލެސް ޕްރެޝަރު ބޮޑުވެ އިސްތިއުފާ ދެއްވައިފިއެވެ.
ފީފާ އަންހެން ވޯލްޑް ކަޕް ފައިނަލަށްފަހު ތަށި ދިނުމުގެ ރަސްމިއްޔާތުގައި ޓީމުގެ ފޯވަޑް ޖެނީ ހާމޯސޯގެ ތުންފަތަށް ބޮސްދިން މައްސަލައިގައި ސްޕެއިން އެފްއޭގެ ރައީސް ރުބެލިއަސްއަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައިވާ އިރު، އެ މައްސަލަ ފީފާއިން ދަނީ ބަލަމުންނެވެ. އަދި މައްސަލައިގައި ރެބެލިއަސް ހުންނެވީވެސް ސަސްޕެންޝަނެއްގައެވެ.
ސްޕެއިނުން ފުރަތަމަ ފަހަރަށް އަންހެން ވޯލްޑް ކަޕްގެ ތަށި އުފުލައިލީ އޮސްޓްރޭލިއާގައި ކުޅުނު ފައިނަލް މެޗުގައި އިންގްލެންޑް ބަލިކޮށްފައެވެ. ފައިނަލް މެޗު ނިމުމާއެކު ވީއައިޕީގައި ރުބިއަލެސް އުފާފާޅު ކުރި ގޮތުންވެސް ނުތަނަވަސްކަން އުފެދިފައިވާ އިރު، ތަށި ދިން ހަފުލާފައި އޭނާ ވަނީ ސްޕެއިންގެ ފޯވަޑް ހާމޯސޯގެ ތުންފުތަށް ގަދަކަމުން ބޮސްދީފައެވެ.
އެ މައްސަލައިގައި ހާމޯސޯވެސް ވަނީ އެކަމާ ގަޔާނުވާ ކަމަށް ބުނެފައެވެ. ސްޕެއިންގެ ޕްރައިމް މިނިސްޓަރު ޕެޑްރޯ ސަންޗޭޒް އާއި ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޔޮލާންޑާ ޑިއާޒްވެސް ވިދާޅުވެފައި ވަނީ ރުބިއަލެސް މައާފަށް އެދުމާ ހަމައިން މައްސަލަ ނިންމައި ނުލެވޭނެ ކަމަށާއި އިސްތިއުފާ ދޭން ޖެހޭ ކަމަށެވެ.
ރެބެލިއަސްއާ ދެކޮޅަށް ގިނަ ބަޔަކު ވާހަކަ ދައްކާފައިވާ އިރު، ސްޕެއިންގެ 81 ކުޅުންތެރިއެއް ވަނީ އޭނާ އެފްއޭ ރައީސް ކަމުގައި ހުއްޓައި ގައުމީ ޓީމަށް ނުކުޅޭނެ ކަމަށްވެސް ބުނެފައެވެ. އެ 81 ކުޅުންތެރިންގެ ތެރޭގައި ވޯލްޑް ކަޕް ހޯދި އަންހެން ޓީމުގެ 23 ކުޅުންތެރިންވެސް ހިމެނެއެވެ.
އޭގެ އިތުރުން ސްޕެއިން އަންހެން ގައުމީ ޓީމުގެ ޓެކްނިކަލް ސްޓާފުންވެސް މަގާމުން އިސްތިއުފާ ދީފައިވާ އިރު، ކޯޗު ޖޯޖު ވިލްޑާ، ރައީސް ރުބެލިއަސްއަށް ތާއީދު ކުރުމުން އޭނާ މަގާމުންވެސް ވަކިކޮށްފައިވެއެވެ.
ރުބެލިއަސް އިސްތިއުފާ ދެއްވަމުން ވިދާޅުވީ މަގާމުގައި މިވަގުތު ހުރުމަކީ ސްޕެއިންގެ ފުޓުބޯޅައަށް ފައިދާ ހުރި ގޮތެއް ނޫން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި ނާއިންސާފުން ކަންކަން ހިނގި ނަމަވެސް، މިވަގުތު ބޭނުންވަނީ މަގާމު ދޫކޮށްލައްވަން ކަމަށެވެ. އަދި ވިދާޅުވީ މީޑިއާގައި އޭނާއާ ގުޅުވައި ދެކެވެމުންދިޔަ އެތައް ވާހަކައެއްގެ ސަބަބުން ދަރިންނާއި އާއިލާގެ އެތައް ބަޔަކަށް އެކަމުން ނަފްސާނީ އަސަރުތަކެއް ކޮށްފި ކަމަށާއި މަގާމު ދޫކޮށްލައްވަން ވިސްނެވީ އެހުރިހާ ގޮތަކަށް ބެއްލެވުމަށްފަހު ކަމަށެވެ.
ރުބެލިއަސް އިތުރަށް ވިދާޅުވީ އަބަދުވެސް ތެދު ހަގީގަތަށް ހާމަކުރަން މަސައްކަތް ކުރައްވާނެ ކަމަށާއި ކޮންމެވެސް ދުވަހަކުން ނަސްރު ލިބޭނެ ކަމަށެވެ.