ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިރޭ ނިންމައިފިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން އެގޮތަށް ނިންމި އިރު، މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އޮތީ އެޖެންޑާކޮށްފައެވެ. ކޯރަމް ހަމަނުވެގެން މިދިޔަ ހަފުތާގެ ޖަލްސާތައް ނުބޭއްވި ދިއުމަށްފަހު، މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީވެސް އެ މައްސަލަ އެކަންޏެވެ.
ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް "ވަން" އަށް މިރޭ ވިދާޅުވީ، އެ ދެ މައްސަލަ އަނބުރާ ގެންދަން ނިންމީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގައި މުހިންމު ކަންތައްތަކެއް އެބަހުރި. މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ އެ މައްސަލައާ މެދު ގޮތެއް ނިންމަން. އެހެންވެ އަޅުގަނޑުމެންނަށް ފެނުނީ އެ ދެ މައްސަލަ އާއެކު މަޖިލިސް ހުއްޓިފައި އޮތުމަށްވުރެ މަޖިލިހުގެ މަސައްކަތްތައް ކުރިއަށް ގެންދަން އެ ދެ މައްސަލަ ގެންދަން،" އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް އަސްލަމް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ނުވެ، ދެވަނަ ބުރަކަށް ރައީސް ސޯލިހު ވަޑައިގަންނަވަން ޖެހުމާ އެކު، ކޯލިޝަން ހެދުމުގެ މަޝްވަރާތައް ފަށާފައިވާ މި ވަގުތާއި މި ނިންމުމާ ގުޅުމެއް އެބަ އޮތްތޯ ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ، އެފަދަ އެއްވެސް މަގުސަދެއް އެ ނިންމުމުގައި ނެތް ކަމަށެވެ.
ނަމަވެސް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރައީސް ނަޝީދު ނުވަތަ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިން ކޮންމެވެސް އެ މައްސަލަ އަނބުރާ ގެންދިއުމަށް ނަޝީދުވެސް އެދިވަޑައިގެންފައިވާކަން އަސްލަމް ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ 54 މެމްބަރުން ސޮޔާ އެކު މަޖިލިހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރަން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ، އެމްޑީޕީން އެ މަނިކުފާނު ވަކިވުމުގެ ކުރީން މިދިޔަ ޖޫން މަހުއެވެ.
މަޖިލިސް ގަވާއިދުގައިވާ ގޮތުގެ މަތިން އެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް ވެސް މީގެ ކުރިން ފޮނުވިއެވެ. ނަމަވެސް މިދިޔަ ޖުލައި މަސް ނިމުމުން، މަޖިލިސް ޗުއްޓީއަށް ދިޔައީ އެ މައްސަލަ އެޖެންޑާ ނުކޮށެވެ. އޭރުވެސް އޮތީ މަޖިލިސް ކޮމިޓީގެ މަސައްކަތްތައް ހުއްޓުވައި، މަޖިލީހުގައި މަރުތަޅު އަޅުވައިފައެވެ.
އެއީ މަޖިލީހުގެ ރައީސްގެ އިތުރުން ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲގެ އިތުބާރު ނެތް ކަމަށްވެސް ހުށަހެޅުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން މިހާތަނަށް މަޖިލިސް ރައީސް ވިދާޅުވަމުން ގެއްދެވީ އެ ދެބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. އެ މައްސަލަތައް މަޖިލީހުގެ އެޖެންޑާއަށްވެސް ނުގެންނެވީ އެ މައްސަލައިގައި ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެއާއެކު އެ މައްސަލަތައް އެޖެންޑާއަށް ނުގެންނަވަނީ، މަޖިލީހުގެ ދާއިމީ ކޮމިޓިތައް ނުހިނގާތީ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތައް ހުއްޓުވައި ލެއްވީ، އެމްޑީޕީގެ ތެރޭގައި އުފެދުނު ދެބަސް ވުމާއެކު އެ ޕާޓިގެ މަޖިލިސް 13 މެންބަރުން ޕާޓީން ވަކިވުމާ ގުޅިގެން ދައިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން މެންބަރުން ހިމެނޭ ނިސްބަތަށް އައި ބަދަލު މަޖިލީހުން ފާސްކުރުމަށްޓަކައެވެ.
ޚަބަރު
ޚަބަރު
ޚަބަރު