ލ. އަތޮޅުގެ ގުޅިފައިވާ ލިންކު ރޯޑުގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މީހަކު މަރުވެއްޖެއެވެ.

ފުލުހުން މިއަދު "ވަން" އަށް ބުނީ ލ. ގަން ލިންކު ރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގިކަމުގެ މައުލޫމާތު އިއްޔެ 18:25 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ކާރުގައި ތިބި ދެ މީހުންގެ ތެރެއިން އެކަކަށް އަނިޔާވެގެން ގަމު ރީޖަނަލް ހޮސްޕިޓަލްއަށް ގެންގޮސްފައިވާ ކަމަށާއި އެ ދެ މީހުންގެ ތެރެއިން ސައިކަލު ދުއްވި އުމުރުން 41 އަހަރުގެ ފިރިހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދިި އެ މިހާ މަރުވީ ރޭ ދަންވަރު 1:51 ގައި ކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ބުންޏެވެ.

އެކްސިޑެންޓު ވި މީހުންގެ ތެރެއިން ކާރު ދުއްވަން އިން އުމުރުން 28 އަހަރުގެ ދިވެހި ފިރިހެން މީހާއަށް ގަމު ރިޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓުގައި މަރުވި މީހާގެ އަތުގައި ސައިކަލުދުއްވުމުގެ ލައިސެންސް އޮތް ނަމަވެސް ކާރު ދުއްވަން އިން 28 އަހަރުގެ ފިރިހެން މިހާ އަތުގައި ކާރު ދުއްވުމުގެ ލައިސެންސް ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.