(1 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)
ހަމައެފަދައިން މުޖުތަމަޢުގައި ލަދުހުތުރު ކަންތައްތަކާއި ފާޙިޝު ކަންތައް ފެތުރުމަކީވެސް އިސްލާމްދީން ހުއްދަކުރާ ކަންކަމެއް ނޫނެވެ. އަދި ކީއްތޯއެވެ؟ ޞަރީޙުކޮށް މަނާކުރާ ކަންކަމެވެ. އޭގެތެރޭގައި ލަދުހުތުރުކަމާއި އޮރިޔާންކަން ޢާންމުކުރުމާއި ޢާންމުންގެ ޝަހްވަތުގެ ޖަޒުބާތު ހޭލައްވައި ފާޙިޝު ޢަމަލުތަކަށާއި ޒިނޭއަށް ހިތްކިޔާ ޒާތުގެ ފުޅަވާހަކަތަކާއި ކަންކަން އިޝްތިހާރުކުރުން ވަނީ މަނާކޮށްފައެވެ. މުޖުތަމަޢުގައި ފާޙިޝު ޢަމަލުތައް ފެތުރުމުގެ ޒަރީޢާއަކަށްވާ މީހުންނަށް އިސްލާމްދީނުގައި ވަނީ ވޭންދެނިވި ޢަޒާބު ދެއްވާނެކަމުގެ ބިރުވެރި ޚަބަރު ދެއްވައިފައެވެ.
"ހަމަކަށަވަރުން އީމާންވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކަތަކާއި ޢަމަލު ފެތުރިގެންދިޔުމަށް ލޯބިކުރާ މީހުން (ދަންނާށެވެ!) ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޒާބު އެއުރެންނަށް ހުއްޓެވެ." (الــنّـــــور: 19)
މިޒަމާނުގެ ދުނިޔޭގައިވަނީ މުޖުތަމަޢުގައި ފާޙިޝުކަމާއި ލަދުޙަޔާތްކުޑަކަމާއި އޮރިޔާންކަން ފެތުރުމުގެ ވަރަށްގިނަ ވަސީލަތްތަކެއް ޢާންމުވެފައެވެ. ބެރެކި ފިލްމުތަކާއި އޮރިޔާން ޕޯސްޓަރުތަކާއި އިޝްތިހާރުތަކެވެ. ލަދުހުތުރުކަން ފަތުރާ މަޖައްލާތަކެވެ. ޚާއްޞަކޮށް އިންޓަރނެޓުގައި ވަރަށްގިނައިން އޮރިޔާން ސައިޓުތައް ހުރެއެވެ. އެތަކެތީން މުޖުތަމަޢަށް ފޯރާ ވިހަ އަސަރުތަކަކީ އިތުރު ތަޢާރުފަކަށް ބޭނުންވާ ކަމެއްނޫނެވެ. އެކަމަކު އެތަކެތި މިހާރުވަނީ ވަރަށް ބޮޑެތި އިންޑަސްޓްރީ ތަކަކަށްވެފައެވެ. ސަރުކާރަށާއި ޤައުމުގެ އިސްފަންތީގެ ބައެއް މީހުންނަށް އެ އިންޑަސްޓްރީތަކުން އިންތިހާޔަށް ފައިދާވެއެވެ. އެހެންކަމުން ސަމާލުކަންދެވެނީ އެތަކެތީން މުޖުތަމަޢަށް ލިބޭ ބޮޑު ގެއްލުމަކަށެއް ނޫނެވެ. ސަރުކާރުތަކަށާއި މަތީފަންތީގެ ބަޔަކަށް ލިބޭ ފައިދާއަށެވެ. ނަތީޖާއަކީ އެތަކެތި މަނާކުރުމުގެ ބަދަލުގައި އެތަކެތި އާލާކޮށް ފުޅާކޮށް ދިރުވުމެވެ. ނަމަވެސް އިސްލާމީ ނަޒަރުގައި މިއީ މުޖުތަމަޢަށްޓަކައި އެންމެ ވަރުގަދަ ޒަހަރެވެ. އެހެންކަމުން އިސްލާމްދީން އެކަންކަން އާލާކުރާކަށެއް ހުއްދައެއް ނުދެއެވެ.
އިސްލާމްދީނުގެ ތަޢުޒީރީ އަދަބުތަކާމެދު އިޢުތިރާޟުކުރާ މީހުން ވިސްނައިލުން ހުއްޓެވެ. މީހަކު ކުށެއް ކުރުމާއެކު އިސްލާމްދީން އެންމެފުރަތަމަވެސް ހަރުކަށި އަދަބުތަކެއް ދެނީކީ ނޫނެވެ. އިސްލާމީ ޤާނޫނު ޙަރަކާތަށް އަންނަނީ ފަރުދުންނާއި ޖަމާޢަތް އިޞްލާޙުކުރާން ދުރާލައި ގިނަގުނަ ފިޔަވަޅުތައް އެޅުމަށްފަހުގައެވެ. މަތިވެރި އިރްޝާދުތަކެއް ދިނުމަށްފަހުގައެވެ. ކަމުގެ ނުބައިކަމާއި ވިޔައިނުދާކަން އޮޅުންފިލުވައިދިނުމަށް ފަހުގައެވެ. އިސްލާމްދީން މިހުރިހައި އިޞްލާޙީ މަސައްކަތްތަކެއްކޮށް އިރުޝާދު ދިނުމުންވެސް އިޞްލާޙުނުވާ ޚަޞީލަތް ނުބައިމީހުންވެސް މުޖުތަމަޢުގައި އުޅެއެވެ. އެފަދަ މީހުން ޖެހިލުމެއްނެތި ޒިނޭގެ ކުށަށް އަރައިގަނެއެވެ. އެފަދަ މީހުންނަށްޓަކައި އިސްލާމްދީން ވަނީ ނުހަނު ހަރުކަށި އަދަބެއް ކަނޑައަޅައިފައެވެ. ކީރިތި ޤުރްއާނުގެ އާޔަތެއްގެ މާނައިގައިވެއެވެ.
"ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާ ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (ޙައްދު) ޖަހާށެވެ! އަދި اللّــــه އަށާއި އާޚިރަތްދުވަހަށް ތިޔަބައިމީހުން އީމާންވާކަމުގައި ވަނީނަމަ اللّــــه ގެ ދީނުގައި އެދެމީހުންނާމެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެދެމީހުންނަށް ދެވޭ ޢުޤޫބާތް މުއުމިނުންގެ ބަޔަކު ދެކޭހުށިކަމެވެ."
(الــنّـــــور: 2)
ބަޔާންކުރެވިދިޔަ މާތް އާޔަތުން ތިރީގައި މިދަންނަވާ ކަންކަމުގެ އިރްޝާދު ލިބެއެވެ.
1. ޒިނޭގެ ކުށަށް އަރައިގަތީ އަންހެނަކާއި ފިރިހެނަކާ ދެމީހުން އެދެމީހުންގެ ރުހުމުގައި ކަމުގައިވާނަމަ އެދެމީހުންނަކީވެސް އަދަބުލިބުން ޙައްޤު ދެމީހުންނެވެ. އެކަމަކު ގަދަކަމުން ޒިނޭކުރުމުގެ މައްސަލައިގައި އަދަބުދޭނީ ހަމައެކަނި ގަދަކަމުން އެ ޢަމަލުކުރި މީހާއަށެވެ.
2. ޒިނޭގެ އަދަބަކީ ދުއްރައިން/ހަންމުށީން ތެޅުމެވެ. (ސަތޭކަ އެތިފަހަރު ޖެހުމެވެ.)
3. މިއީ اللّــــه ގެ ދީނެވެ. (اللّــــه ގެ ދީނުގައި އޮތްގޮތެވެ.) ދީނުގެ އެހެނިހެން އަމުރުތަކަށް ޢަމަލުކުރުން ވާޖިބުވާ ފަދައިން މި އަމުރަށް ތަބާވެ ޢަމަލުކުރުންވެސް ވާޖިބެވެ. މިއީ އިޖުތިމާޢީ މައްސަލައެއްކަމުގައި ބަލައިފައި އަދަބުނުދީ ދޫކޮށްލައިގެން ނުވާނެއެވެ.
4. ޒިނޭގެ ކުށަށް އަރައިގަންނަ މުޖްރިމުންނާމެދު އީމާންކަމުގެ އަހުލުވެރީންގެ ހިތްތަކުގައި އޯގާވެރިވުމުގެ ޖަޒުބާ އުފެދިގެން ނުވާނެއެވެ. އެ ދެމީހުންވަނީ ވަރަށްބޮޑު ކުށެއް ކޮށްފައެވެ. އެހެންކަމުން ދީނުގައި ކަނޑައެޅިފައިވާ އަދަބު އެ ދެމީހުންގެ މައްޗަށް ތަންފީޒުކުރުމަކީ ލާޒިމު ކަމެކެވެ.
5. ޒިނޭގެ އަދަބު ދޭންވާނީ ޢާންމު ތަނެއްގައެވެ. އެ އަދަބު ތަންފީޒުވާތަން އެހެންމީހުނަށް ފެންނަގޮތަށެވެ. އެހެންމީހުންނަށް ޢިބްރަތްލިބި މި އަފޫރުއްބަ ކުށަށް އަރައިގަތުމާމެދު ޖެހިލުންކުރުވުމަށްޓަކައެވެ.
މި މާތް އާޔަތުގައި އަންގަވައިފައި މިވަނީ ޒިނޭކުރާ ދެމީހުންގެ ގައިގައި ސަތޭކަ އެތިފަހަރުން ޙައްދު ޖެހުމަށެވެ. މިއީ ކާވެންޏެއް ކޮށްފައިނުވާ މީހުންނަށްދެވޭ އަދަބެވެ. ޙަދީޘުފުޅުތަކުންނާއި ނަބަވީ ދައުރުގައި ތަންފީޒުކުރެވުނު އަދަބުތަކުގެ ތަފްސީލުތަކުން އެނގޭގޮތުގައި ކާވެނިކޮށްފައިވާ މީހުން ޒިނޭކުރުމުގެ އަދަބީ ރަޖަމުކުރުމެވެ.
ކާވެނިކޮށްފައިވާ މީހުންނާއި ކާވެނި ނުކުރާ މީހުންގެ އަދަބު ތަފާތުވުމުގެ ޙިކުމަތާ ބެހޭގޮތުން ޢިލްމުވެރީން ވިދާޅުވާގޮތުގައި ކާވެނިކޮށްފައިވުމުގެ މަޠުލަބަކީ އެމީހަކީ ޖިންސީ ރާޙަތު ލިބިގެންފައިވާ މީހަކު ކަމުގައިވެހުރެ އޭނާ މިނުބައި ކުށަށް އަރައިގަތުމެވެ. އެހެންވެ އޭނާގެ އަދަބު ހަރުކަށިކުރުން ޙައްޤުވެގެންވަނީއެވެ.
ކުރީންވެސް ދެންނެވި ފަދައިން ޒިނޭކުރާ މީހުންނަށް އިސްލާމްދީނުގައި ކަނޑައެޅިފައިވަނީ ވަރަށްބޮޑު އަދަބެކެވެ. ހަމައެފަދައިން އެކުށް ސާބިތުކުރަން ހެކި ހޯދާން ކަނޑައަޅައިފައިވަނީވެސް ވަރަށް ހަރުކަށި ޝަރުޠުތަކާ އެކުގައެވެ. އަދަބު ދޭންޖެހޭ އެންމެފުރަތަމަ ގޮތަކީ މީހަކު އެމީހެއްގެ ޒަމީރުގެ އަޑުގެ ސަބަބުން އަމިއްލަޔަށް އިޢުތިރާފު ވުމުންނެވެ. އެމީހަކު އެ ފާފަވެރި ޢަމަލު ކުރިކަމަށް އިޢުތިރާފުވުމުން އެމީހަކަށް އެ އަދަބު ދިނުމެވެ. ދެވަނަ ގޮތަކީ ދެމީހަކު އެ ފާފަވެރި ޢަމަލުކުރާތަން ދުށްކަމަށް ހަތަރު މީހަކު ހެކިދިނުމެވެ. އެ ހަތަރު މީހުންގެ ހެކިބަހާމެދު ޖަރަޙުކުރެވިދާނެއެވެ. އެ ހަތަރު މީހުންކުރެ އެކެއްގެ ހެކިބަސް ބަލިކަށިވި ކަމުގައިވިޔަސް އެ ހަތަރު މީހުންގެ ގައިގައި ޤަޒުފުގެ ޙައްދު ޖެހޭނެއެވެ. ސާބިތު ނުކުރެވޭ ތުހުމަތެއް ބަޔެއްގެ ބޮލުގައި އެޅުވުމުގެ ކުށުގެ އަދަބެއްގެ ގޮތުންނެވެ. އިސްލާމްދީން ބޭނުންވަނީ ޞަރީޙު ހެކި ލިބިގެން މެނުވީ ބަޔަކަށް މިބޮޑު އަދަބު ނުދިނުމެވެ.
ވަރަށް ޚާއްޞަ ނުކުތާއެކެވެ. އިސްލާމްދީން ވަނީ މުސްލިމުންގެ ޒަމީރު އަލިކޮށް ހޭލައްވައިފައެވެ. އެންމެންގެ ހިތްތަކުގައިވެސް ފާފަތަކަށް އަރައިގަތުމުން ދުރުހެލިވުމުގެ އެދުން އުފައްދައިފައެވެ. ފާފައެއް ކުރެވިއްޖެ ކަމުގައިވާނަމަ ވީހައިވެސް އަވަހަކަށް އެފާފަޔަކުން ސާފުވެ ތައުބާވުމުގެ ޝައުޤު އުފައްދައިފައެވެ. އެކަން އެނގެނީ ނަބަވީ ދައުރުގައި ޒިނޭގެ އަދަބު ދެވުނު އެއްވެސް މީހަކަށް ހެކީންގެ ހެކިބަހުގެ މައްޗަށް ބިނާކޮށް އަދަބު ދެވިފައި ނުވުމުންނެވެ. އެވެނި ބަޔަކު ޒިނޭކުރަނިކޮށް ތިމަންމެން ދުށީމުއޭ ބުނެ ބަޔަކު ހެކިދީފައި ނުވުމުންނެވެ. ނަބަވީ ދައުރުގައި ޒިނޭގެ އަދަބު ދެވުނު މަދުބަޔަކަށް (އެއްބޭކަލަކަށާއި ބޭކަނބަލަކަށް) އަދަބު ދެވިފައިވަނީ އަމިއްލަފުޅު ޒަމީރުގެ އަޑުގެ ސަބަބުން އަމިއްލަފުޅަށް އިޢުތިރާފުވެވަޑައިގެންނެވުމުންނެވެ.
ޠާހިރު މުޖުތަމަޢެއް އުފައްދަން އިސްލާމްދީނުގައި ދީފައިވާ އިރްޝާދުތަކާއި ތަޢުލީމާތުތަކަކީ ހުސްއެކަނި އުނގަންނައިދިނުންތަކެއް ނޫނެވެ. އެ އިރްޝާދުތަކާއި އުނގަންނައިދިނުންތަކަށް ވަނީ ޢަމަލުކުރެވިފައެވެ. އޭގެ ހެޔޮ އަސަރުތައް ދުނިޔޭގެ ލޯތަކަށްވަނީ ފެނިފައެވެ. އިސްލާމްދީން އައިއިރު ޢަރަބި ސޮސައިޓީއަކީ ފާސިޤުކަމާއި ފާޖިރުކަމުގެ ކިސަޑުގަނޑަކަށް ޣަރަޤުވެފައި އޮތް ސޮސައިޓީއެކެވެ. އެ ސޮސައިޓީގައި ނުބައިކަންކަމާއި ފާފަވެރި ޢަމަލުތަކަކީ ނުބައިކަންކަމެއް ނޫނެވެ. ފާފަތަކެއް ނޫނެވެ. ޢިއްފަތާއި ޢިޞްމަތަކީ މާނައެއްހުރި ބަސްބަހެއް ނޫނެވެ. ރާބުއިމަކީ ޢަރަބީންގެ ކަށީގައި ހިފައިފައިވާ ކަމެކެވެ. ދެވިހިފައިފައިވާ ކަމެކެވެ. ނަމަވެސް އިސްލާމްދީނުގެ ތަޢުލީމާތުން ޢަރަބީން މުޅީން އެހެން ބަޔަކަށް ބަދަލުކޮށްލިއެވެ. އެބައިމީހުންގެ ދިރިއުޅުމާއި މުޢާމަލާތު ބަދަލުކޮށްލިއެވެ. އެބައިމީހުންގެ އުޅުންމަތި ރީތިވެ ތަހުޒީބުވެއްޖެއެވެ. އެބައިމީހުންގެ މެދުގައި އަޚްލާޤީ އަގުތައް އާލާވެއްޖެއެވެ. އަންހެނުންނަކީ ކަމޭހިތެވޭ ޙުރުމަތްތެރި ޤަދަރުހުރި ބަޔަކުކަމުގައި ވެއްޖެއެވެ.
ފަހުގެ ދައުރުތަކުގައިވެސް އިސްލާމްދީނުގެ މި ތަޢުލީމާތުތަކަށް ޢަމަލުކޮށް އިސްލާމްދީނުގެ ޙުކުމްތައް ތަންފީޒުކުރި ތަންތަނުން ވަނީ އޭގެ ބަރަކާތާއި ހެޔޮ އަސަރު ފެނިފައެވެ. އެ މުޖުތަމަޢުތަކަށް ވަނީ އަމަންއަމާންކަމާއި ހިތްފަހިކަމާއި ހަށިފަސޭހަކަން ލިބިފައެވެ. މިއަދުވެސް އެތައްބަޔަކު ވަނީ މުޖުތަމަޢުގައި ނުބައިކަމާއި ފާސިދުކަން ޢާންމުވަމުންދާތީ ފިކުރު ބޮޑުވެފައެވެ. އަބުރު ނަގައިލުމާއި ޢިއްފަތް ފޭރުމުގެ ހާދިސާތައް ގިނަވަމުންދާތީ އެކަންކަން ހުއްޓުވަން އިސްލާމީ އަދަބުތަކާމެދު ރުހުމުގެ ލޮލަކުން ބަލާންފަށައިފައެވެ. އެބައިމީހުންގެ މުޖުތަމަޢުތަކުގައިވެސް އެ އަދަބުތައް ތަންފީޒުކުރާން ބޭނުންވެފައެވެ. ނަމަވެސް މި އެދުން ފާޅުކުރާ ފަރާތްތަކުން އެބައިމީހުންގެ އެދުމަކީ ސީރިޔަސް އެދުމެއް ކަމުގައިވާނަމަ އިސްލާމްދީނުގެ އިޖުތިމާޢީ ނިޒާމު ޤަބޫލުކުރާން ޖެހެއެވެ. އިސްލާމްދީނުގެ ހުރިހައި ތަޢުލީމާތުތަކަކަށް ޢަމަލުކުރާން ޖެހެއެވެ. އެމީހުން އެ އެދޭ މަންފާ ޙާޞިލުވާނީ އޭރުންނެވެ. އޭރުން ފާފަވެރިކަމާއި ނުބައިކަމުގެ މައްޗަށް ބާރުފޯރުވިދާނެއެވެ. މުޖުތަމަޢުގައި ރީތި ސުލޫކާއި އަމަންއަމާންކަން ޤާއިމުކުރެވިދާނެއެވެ.
(ނިމުނީ)
ރިލޭޝަންޝިޕް
ރިލޭޝަންޝިޕް
ރިލޭޝަންޝިޕް
ރިލޭޝަންޝިޕް